Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އިޒްރޭލް ޕާސްޕޯޓު/ޗާގޯސް މައްސަލަ ކެބިނެޓަށް: އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ރައީސް ހުންނެވީ ތައްޔާރަށް

އިޒްރޭލްގެ ޕާސްޕޯޓު ބޭން ކުރުމުގެ މައްސަލައާއި ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނަވާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

އިޒްރޭލް ޕާސްޕޯޓު/ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނަވާނެކަން ރައީސް ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖެއާއި ޗާގޯސްއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި އިޓްލޮސް އިން މިދިޔަ އަހަރު އޭޕްރީލް 28 ގައި ނިންމީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބަަހައިލުމަށެވެ.

އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.

އެގޮތުން ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް ގެއްލިފައިވާއިރު ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ވަނީ ލިބިފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޗާގޯސް މައްސަލަ ކެބިނެޓާ ހަމައަށް ގެންނަވާނެ ކަމަށާއި އެކަމާބެހޭ މަސައްކަތްތައް ބަންޑާރަ ނައިބުގެ އޮފީހާއި ފޮރިން މިނިސްްރީގައި އެބަ ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކަންތައްތައް ދިރާސާކޮށް ވަރަށް އަވަހަށް ކަރުދާހެއް އެކުލަވާލާނެ ކަމަށާއި އެ ކަރުދާސް މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓު މައްސަލަ ވެސް ކެބިނެޓާ ހަމައަށް ގެންނަވާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވަން ތައްޔާރަށް ހުންނެވި ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

''ރައްޔިތުންގެ މަޖިލީހުގެ ގަރާރެއް އަޅުގަނޑަށް މިއަދު ދާދި ދެންމެއަކު މައުލޫމާތު ލިބުނީ ރައްޔިތުންގެ މަޖިލީހުން ނިންމާފަ އޮތް ގަރާރެއް އެބައޮތޭ އައިސްފަ އެ މައްސަލާގަ. އެ ގަރާރު ދިރާސަކޮށްފަ ދެން ސަރުކާރުގެ އިލްތިމާސެއް މަޖުބޫރުވާކަމެއް ނޫނީ ކުރަންޖެހޭ ކަމެއް އޮވެއްޖެއްޔާ ވަގުތުން ފިޔަވަޅު ވެސް އަޅާނަން. އަދި އެކަން އަޅުގަނޑުމެން ކެބިނެޓާ ހަމައަށް ވެސް ގެންނާނަން. އެހެންވީމަ އަދި އެއެއް ނާދޭ. އެހެންނަމަވެސް ވަރަށް ސީރިއަސްކޮށް ނަގާނަން އެ މައްސަލަ.'' ރައީސް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ