Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

މަޖިލީހުގައި ހުރި މުހިއްމު މަސައްކަތްތައް ނުނިމޭތީ އަނެއްކާވެސް ދައުރު ދަންމައިލަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމި ހުރުމާ ގުޅިގެން މަޖިލީހުގެ ހިނގާ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް ދަންމައިލަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ގިނަ މުހިއްމު މަސައްކަތްތަކެއް ނުނިމި ދިގުލައިގެންދާތީ މަޖިލީހުގެ ދައުރު ފާއިތުވި މަހުގެ 27 ވަނަ ދުވަހުގައި ވަނީ މި މަހުގެ 7 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ނިންމާފައެވެ.

ނަމަވެސް އިތުރުކުރި މުއްދަތުގެ ތެރޭގައި ބަޖެޓުގެ މަސައްކަތާއި އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުންދިނުން ފަދަ މަސައްކަތްތައް ނިންމައިނުލެވި ދިގުލައިގެން ގޮސްފައިވެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ، މަޖިލީހުގެ މިހިނގާ ދައުރުގެ މުއްދަތަށް އިތުރުކުރި މުހުލަތު ހަމަވިއިރު މުހިއްމު ވަރަށް ގިނަ މަސައްކަތްތައް ނުނިމިހުރިކަމަށެވެ.

އެއާއެކު އަސްލަމް ވިދާޅުވީ އެ މަސައްކަތްތައް ނުނިމި ދިގުލައިގެންދާތީ މަޖިލީހުގެ ދައުރު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އިތުރުކުރުމާމެދު މެންބަރުންގެ މެދުގައި ވޯޓެއް ނެންގެވުމަށް ގަސްތުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންގެ މަޖިލީހުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު 18 ޑިސެމްބަރު 2023 ގެ ނިޔަލަށް އިތުރުކުރުމާ މެދު ވޯޓަށް އެހުމަށް. އެހެންކަމުން މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އެހުން އޮންނާނެ ވާހަކަ ދަންނަވަން،"

މަޖިލީހުގެ މި ދައުރުގައި ގިނަ މަސައްކަތްތަކެއް ނުހިނގައި މަޑުޖެހިފައިވަނީ އެމްޑީޕީން މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިންނެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާދެއްވި ފަހުންވެސް ބަޖެޓުގެ މަސައްކަތް ހަލުއިކޮށް ގޮސްފައިނުވާކަން ފާހަގަކުރެވެއެވެ.

މަޖިލީހުގައި ބަޖެޓުގެ މަސައްކަތް ނުކުރެވޭތީ އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުންވަނީ މަޖިލީހުގެ މިހާރުގެ ރައީސް އަސްލަމަށް ފާޑުވިދާޅުވެ، މަޖިލީހުން ނިންމަންޖެހޭ އެންމެ މުހިއްމު މަސައްކަތްތައް ފަސްކުރައްވައި އެމްޑީޕީން ހުށަހަޅާ މަސައްކަތްތައް އޭނާ އެޖެންޑާކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ،.

މި ލިއުމާއި ގުޅޭ