Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުކޫލު

ދަރުމަވަންތަ ސްކޫލުގެ ކުރެހުމުގައި ބޮޑެތި މައްސަލަތައް ހުރި، ބޭނުންކުރީ މިނިސްޓްރީން ފާސްކުރި ތަކެތި: އެސްޖޭ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ޑިޒައިންގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި އެ ސްކޫލު ހަދަން ބޭނުންކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށްފައިވާ މެޓީރިއަލް ކަމަށް، އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު ބުނެފި އެވެ.

އެސްޖޭ އިން މިހެން ބުނެފައި މި ވަނީ އެ ކުންފުންޏާ ހަވާލުކޮށްގެން އިމާރާތްކުރި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ބޭނުންކުރަން ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދާ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.

އެކަމާގުޅިގެން އެސްޖޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދޮރުތަކުގެ ބިއްލޫރީގެ ބޯމިން 10 މިލިމީޓަރަށް ބަދަލުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން، ކުރެހުމުގައި ހުރި ގޮތަށް މަސައްކަތް ކުރިއަށް ގެންދަން އެ މިނިސްޓްރީން އެންގީ ކަމަށެވެ.

އެހެންވެ، އެއާ އެއްގޮތަށް ސްކޫލުތަކުގައި ހަރުކޮށްފައިވަނީ ފަސް މިލިމީޓަރުގެ ތުނި ބިއްލޫރިތަކެއް ކަމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ބުންޏެވެ.

މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، އެ ތަނުގައި ހައެއްކަ ފޫޓު އުސް އަދި ދެ ފޫޓު ފުޅާ ބިއްލޫރި ވެސް ހުރި ކަމަށެވެ. އެހާ އުސް ތަނެއްގައި ތުނި ބިއްލޫރި ހަރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަން، މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެކުންފުނިން ބުނީ އުސް ދޮރުތައް ހިފަހައްޓާނީ ދޮރުތަކުގެ ޑިޒައިންނަށް ބަދަލު ގެނެސްގެންނެވެ. ނަމަވެސް ޕްރޮޖެކްޓްގައި ޑިޒައިންގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކުރީ ރިޔަން ޕްރައިވެޓް ކުންފުނިންނެވެ.

އެސްޖޭ އިން ބުނީ ފައުންޑޭޝަންގެ މަސައްކަތް ކުރަނިކޮށް ފައުންޑޭޝަން ފެއިލްވާކަން ފާހަގަ ވުމުން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެކަން ރަނގަޅުކުރަން މިނިސްޓްރީން އެއްބަސްވީ، ފައުންޑޭޝަން އަލުން ރީ-ޑިޒައިން ނުކޮށް މަސައްކަތް ނުކުރާނެ ކަމަށް އެންގުމުން ކަމަށެވެ.

"ބައެއް ސިޑިތަކުގެ ރެއިލިން ވެސް ނެތް، ސިޑި ކައިރި ރާނަން ވެސް. އެކަން ކުރުމަށް ވެސް މިނިސްޓްރީން ހުއްދަ ދިނީ ހުޅުވަން ހަފުތާއަކަށްވީ ފަހުން." އެސްޖޭ އިން ބުންޏެވެ.

އެސްޖޭއިން ބުނީ ކޮންޓްރެކްޓަރަކީ އަމިއްލައަށް ޑިޒައިނާއި އެ މަސައްކަތަށް ބޭނުންކުރާ ސާމާނަށް ބަދަލު ގެނެވޭނެ ފަރާތެއް ނޫން ކަމަށެވެ. ދަރުމަވަންތަ ސްކޫލުގައި ވެސް އެ ގޮތަށް ބޭނުންކޮށްފައިވާ ހުރިހާ ސާމާނަކީ، ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް ފާސްކޮށްފައިވާ ތަކެތި ކަމަށް ބުންޏެވެ.

މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ސްކޫލުތައް އިމާރާތް ކުރުމުގައި އެ މިނިސްޓްރީގެ ސްޓެންޑާޑްތަކެއް ހުންނަ ކަމަށެވެ. އެކަމަކު، ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުން ފާހަގަވީ، މިނިސްޓްރީގެ ސްޓެންޑަޑް އިން ކައްސާލާފައިވާ ކަމެއް ނަމަ ޖެހޭނީ ސްޓެންޑާޑް ރިވައިސް ކުރަން ކަމަށެވެ.

ދަރުމަވަންތަ ބޭނުންކުރަން ފެށިތާ ދުވަސްކޮޅެއް ތެރޭގައި، އާ އިމާރާތުގެ ތިރީހަކަށް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ. އެހެންވެ، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް އެ ބިއްލޫރިތައް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޖޭ ކުންފުންޏާ އެކު ހެދި އެގްރިމެންޓުގައިވާ ގޮތުން، މަސައްކަތް ނިންމާތާ އެއް އަހަރުގެ ތެރޭގައި ތަނެއް ހަލާކުވެއްޖެ ނަމަ ނުވަތަ މަރާމާތެއް ކުރަން ޖެހޭ ނަމަ އެކަން ކުރާނީ އެ ކުންފުނިންނެވެ. ނަމަވެސް، އެސްޖޭއިން ބުނީ އެ ކުންފުނިން މަސައްކަތްކުރީ މިނިސްޓްރީގެ ޑިޒައިނާ އެއްގޮތަށް ކަމަށް ވާތީ، އެ ކުންފުނިން ދޮރުތައް ބަދަލެއް ނުކުރާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ