ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިންގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވައިލަން ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އާސަންދައިގެ ތެރޭގައި މެޑިކަލް ޗެކްއަޕް ހިދުމަތެއްގެ ގޮތުގައި ހިމަނައިގެން ހެދޭނެ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ މީގެ ކުރިން އާސަންދައިގެ ތެރޭގައި އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި އުމުރުފުރާތަކަށް ބަހަލާއިގެން އެކި ކަހަލަ ޕޭކެޖްތަކުގެ ތެރެއިން މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.
އާސަންދައިގެ ދަށުން ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑްކޮށް ބަލި މީހާ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލުކުރާކަމަށްވާނަމަ ދައްކަން ޖެހޭ ފައިސާގެ ތަފާތު ހަމަޖެއްސުމާއި، އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމާއި ގުޅޭ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދޭންވެސް ނިންމާފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.