Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ސަރުކާރު ނިމުނުއިރު ފެނަކަ ސައީދު ރިސޯޓު އޯނަރަކަށް ވެއްޖެ: މޮސްޓާ

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސައީދު (މައިފޫނާ) ދައުރު ނިމުނުއިރު ރިސޯޓު އޯނަރަކަށް ވެވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިފަދައިން ވިދާޅުވީ ފެނަކައިން މުވައްޒަފުން ވަކިކުރަމުން އަންނަކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ދީދީ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. މޮސްޓާ ވިދާޅުވި ގޮތުގައި ފެނަކައިން މުވައްޒަފުންތަކެއް ވަކިކުރިކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން އައު ސަރުކާރަށް އަމާޒުކުރައްވާ ފާޑުވިދާޅުވުމަކީ ރައްޔިތުންނަށް އޮޅުވައިލެއްވުމުގެ ނިޔަތުގައި ދައްކަވާ ވާހަކަފުޅެކެވެ.

"ވައްކަމާއި ފޭރުމާއި ލޫޓުވުން ހައްދުފަހަނައަޅާފައި އޮތް ފަސް އަހަރު ނިމިގެން މިދިޔައީ. މަގުމަތީގައި ސަލާންޖަހަން އުޅުނު މިއަދު ރިސޯޓު އޯނަރަކަށް ވެއްޖެ. މިތާ ތިބި މެންބަރުންނާއި ކައިރީގައި އުޅުނުހާ އައުވާނުން ލައިގެން، ފެނަކަ 4 ބިލިއަނުން ދަރަނިވެރިކޮށް، ފެނަކައަށް ލިބުނުހައި ލާރިއެއް ސައީދު ބަނޑުއަޅައިލީ،" މޮސްޓާ ވިދާޅުވިއެވެ.

ފެނަކައިން މުވައްޒަފުން ވަޒީފާއަށް ނަގަމުންދިޔަ ގޮތް ތަފުސީލުކޮށްދެއްވަމުން މޮސްޓާ ވިދާޅުވީ ފެނަކައިގެ މެނޭޖަރުން ނިދާއިރު އައު މުވައްޒަފުން ވަޒީފާއަށް ނެގިކަން ކުންފުނީގެ އެޗްއާރުން އަންގާފައި ނޯންނަ ކަމަށެވެ. ނަމަވެސް ހެނދުނު ހޭލާއިރު، ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ހަމަޖެއްސިކަން އަންގައި ވަޒީފާއަށް އެމީހުން ނެރެން އަންގާފައި އޮންނަ ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ.

އަދި ފެނަކައިން މިފަދައިން ވަޒީފާތައް ބެހީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮޅުވައިލުމަށް ކަމަށާއި، އެއީ އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާއިރު، ސަފުތައް ރުކުރުވާލައި މަރުހަބާ ދަންނަވަން ނިކުންނާނެ ބަޔަކު ނެތުމުން، އެމަންޒަރު ރައީސް އިބްރާހީމަށް ދެއްކުމަށް ބަޔަކު ހިންގި ޖަރީމާއެއް ކަމުގައިވެސް މޮސްޓާ ވިދާޅުވިއެވެ.

އިތުރަށް މޮސްޓާ ވިދާޅުވީ މިފަދައިން އޮޅުވައިލުމުގެ މަޤުޞަދުގައި ރޭގަނޑު ދަންވަރު ދީފައިހުރި ވަޒީފާތަކަކީ ނޮވެންބަރު 17 ވަނަ ދުވަހުގައި އެ ވަޒީފާތަކުގެ މުއްދަތު ހަމަވާ ވަޒީފާތަކެއް ކަމަށެވެ.

"ކޮންޓެކްޓު ހަމަވާ ގޮތަށް އޮންނަނީ، އެއިރުން ކުށްވެރިވާނީ މި ސަރުކާރުތާ؟ ޑރ.މުޢިއްޒުގެ ސަރުކާރުން އޭނާ ވަޒީފާއިން ކަނޑައިލި [ކަމަށް ބުނެވޭނެ]. އެކަމަކު ކޮންޓްރެކްޓު ހަމަވާ ގޮތަށޭ ވަޒީފާ ދީފައި އޮތީ. މިހާވަރަށް ރައްޔިތުންނަށް އޮޅުވައިލަން ހެޔޮނުވާނެ،" މޮސްޓާ ވިދާޅުވިއެވެ.

އިތުރަށް މޮސްޓާ ވިދާޅުވީ ފެނަކައިގެ މުވައްޒަފުންގެ އަދަދު 2،000 އިން 7،000 އަށް އިތުރުވެގެން ދިޔައިރު މުވައްޒަފުން ނެގި ގޮތާއި ވަޒީފާ ދެމުން އައި ގޮތުގެ ވާހަކައަކީ ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ. އަދި އެއިރުގެ ސަރުކާރުން ވަޒީފާތައް ބެހި ގޮތުގެ ނަމޫނާއެއްގެ ގޮތުގައި މޮސްޓާ ފާހަގަކުރެއްވީ ގދ.ވާދޫއެވެ. އޭނާ ވިދާޅުވީ ވާދޫގެ އާބާދީގެ ބޮޑު ބައެއް އޮތީ ފެނަކައިގެ ވަޒީފާއަށް ނަގާފައި ކަމަށެވެ.

މޮސްޓާގެ ވާހަކަފުޅު ނިންމަވައިލެއްވީ ފެނަކައާއި އެނޫން ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ވައްކަންތައް ތަހުގީގުކޮށް އެކަންކަމުގެ ހަގީގަތް ބެލުމަށް ގޮވައިލައްވަމުންނެވެ.

މި ލިއުމާއި ގުޅޭ