ޗާގޮސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ދިވެހީންނަށް ހޯދައިދިނުމުގެ މަސައްކަތް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ރާއްޖެ ކައިރީ އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލަން އެ ގައުމުން ނިންމި ހަބަރާއި ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުމަކީ ޖުމްހޫރީ ޕާޓީގެ އަދި އޭނަގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިމައްސަލަ އަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލުހޯދުމުގެ ޢަޒުމުގައި ޖުމްހޫރީ ޕާޓީންވެސް ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއްކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށެވެ. އަދި އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވާނޭކަމަށް ޤާސިމް ވަނީ ޔަޤީންކުރައްވާފައެވެ.
މި މަސައްކަތުގައި ޕާޓީގެ ފަރާތުން އަދި ޤާސިމްއަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް އޮތްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.