Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ޤައުމުން އެއްބަސްވެއްޖެ: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮތް ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދު ރާއްޖެއަށް ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ކުރަމުންދާ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ ހުވައިކުރެއްވިތާ ދެވަނައަށް ވީ ދުވަހުގައި ރަސްމީކޮށް ދިވެހި ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ޤައުމުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ. އަދި ހުވައިކުރެއްވުމުގެ ކުރިން އިންތިޤާލީ މަރުހަލާއިން ފެށިގެން އެކަމުގެ ވާހަކަތައް އިންޑިއާއާއެކު ދައްކަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ކުރިން ކުރެވުނު މަސައްކަތާއި މިއަދާ ހަމައަށް އައިއިރު ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އެއްބަސްވެފައިވަނީ، އިންޑިއާ ސިފައިން އަނބުރާ ގެންދާނެކަމަށް. މިހާރު ޓެކްނިކަލް ލެވެލްގައި މަސައްކަތް އެބަހިނގާ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ޑރ.މުޢިއްޒު ވިދާޅުވީ މަޝްރޫޢުތައް ހިންގުމުގައި ހުރި ދަތިތަކާއި، އިންޑިއާއިން ދީފައިހުރި ލޯނުތަކާ ގުޅޭ މައްސަލަތަކުގައި ވަގުތުން ވަގުތަށް ހައްލު ހޯދުމަށް ދެ ޤައުމުގެ ޝާމިލުވުން އޮންނަ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

"މަޝްރޫޢުތަކާއި އެކިއެކި ލޯނުތަކުގައި ދިމާވާ މައްސަލަތަކާއި ޤައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ވަގުތުން ވަގުތަށް ހައްލު ހޯދޭ ފަދަ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލަން އިންޑިއާގެ ބޮޑުވަޒީރުގެ ބައްދަލުވުމުގައި އެއްބަސްވީ،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ޑރ.މުޢިއްޒު ވިދާޅުވީ ކޮމިޓީ އެކުލަވައިލުމުން ސަރުކާރު ހިންގުމުގައި ދިމާވާ ދަތިތަކާއި ކަންކަން ލަސްކޮށް ހިނގުން ފަދަ މައްސަލަތައް ހައްލުކުރެވި، ބުރިޖު މަޝްރޫޢު ފަދަ މަޝްރޫޢުތައް ހަލުއިވެގެންދާނެ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އިންޑިއާއިން އިހުތިރާމުކުރާނެ ކަމުގެ ޔަގީންކަން އެ ޤައުމުން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދުބާއީގައި އޮތް ކޮޕް ސަމިޓުގެ ހަވާސާގައި ރައީސް ޑރ.މުޢިއްޒުވަނީ އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދިވެހި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މޯދީއާ މަޝްވަރާކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ