Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އެހާރާއި މިހާރު: ރައީސް އިބްރާހިމް ކަހަލަ ހީލަތްތެރިއަކަށް ނުވާނެކަމުގެ އެއް ހެކި

މިދިޔަ ފަސް އަހަރު ތެރޭގައި ނޫސް މަޖައްލާތަކާއި މީސްމީޑިއާގެ މަންސަތަކާ އެންމެ ރަހުމަތްތެރި އެއް ލަފުޒަކަށްވީ ''ސިއްރު'' މި ލަފުޒެވެ. ސިއްރު އެއްބަސްވުންތަކެއް ހެދި ވާހަކައެވެ. ނޫނީ ކޮންމެވެސް މައުުލޫމާތެއް ސިއްރުު ކުރި ވާހަކައެވެ. ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަރުދަނާ ޑިމޮކްރަސީއެއްގައި މުހިންމު ކަމެއްކަން ވަކާލާތު ކުރެއްވި ބޭފުޅުން ސިއްރުު ނުކުރައްވާ ހަމަ އެއްވެސް ކަމެއް ނެތީއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މައުލޫމާތު ނުދީ ''ބައްކުރުމުގެ'' ސަބަބުން ނޫސްވެރިންނަށް ޖެހުނީ މަގުމަތީގައްޔާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށާއި ކޯޓުތަކަށް ދުވާށެވެ. ރައީސް އިބްރާހިމްގެ ސަރުކާރުން ބުނަމުންދިޔައީ މިވެނި ކަމެއް ހާމަކޮށްފިނަމަ ސިޔާދަތަށް ލޮޅުން އަރާނެ ކަމަށެވެ. އަލުތްވާއި ބިހާއި ފިޔާ ފަދަ ތަކެތި ނުލިބިދާނެ ކަމަށެވެ.
އެ މައުލޫމާތުތައް ސިއްރުކުރުމަށްފަހު ހެނދުނެއް މެންދުރެއް މެންދަމެއް ނުބަލައިި އެ ބޭފުޅުން އެނބުރި އެ ވަޑައިގެންނެވީ ''ވަތްމަތި ކަހާލައިގެން'' ނެވެ. އެހެން ގޮތަކަށް ބުނާނަމަ މުޅި ރާއްޖެ ''ދޮންވެލި ފިނޮޅަކަށް'' ހަދާލައިފައެވެ. އެފަދަ އެތައް މައްސަލައެއް އެންޓި ކޮރަޕްޝަނުން މިހާރު އެ ދަނީ ބަލަމުންނެވެ.

ނަމަވެސް އިބްރާހިމްގެ ސަރުކާރާ ޚިލާފަށް މިއަދުގެ ސަރުކާރުން ދައްކަމުން ދަނީ ތަފާތު މަންޒަރެއް ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވެން ފަށައިފިއެވެ. އޭގެ އެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަމަޖައްސެވުމެވެ. މިއީ ފަަސް އަހަރު ވީއިރު އިބްރާހިމަށް ނުކުރެއްވެވުނު ކަމެކެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކަން އެ ނިންމެވީ އެންމެ 15 ދުވަސް ތެރޭގައެވެ.

މިކަން މި ގޮތަށް ނިންމެވި އެއް ސަބަބަކީ ރަސްމީ ދަތުރުފުޅުތަކުގެ މައުުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭަކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. މަރުހަބާ ދަންނަވަމުންނެވެ. ޝުުކުރު އަދާކުރަމުންނެވެ.

މި ނިންމެވުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ މި ނިންމެވުމަކީ ތާރީޚީ ނިންމެވުމެއް ކަމަށާއި ދެފުށްފެންނަ ވެރިކަމެއްގެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ހެޔޮ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ހާމަކަން ބޮޑުގޮތެއްގައި ދެފުށް ފެނުން ކަމަށާއި މި ވެރިކަން ވެގެންދާނީ ހެޔޮ ވެރިކަމަކަށް ކަމަށެވެ.

މީގެއިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވެސް ވަނީ މިއީ ވަރަށް ރަގަޅު ނިންމެވުމެއްކަން ފާހަގަކުރައްވައި ސަރުކާރުގެ އެހެން ވުޒާރާތަކާ އޮފީސްތަކުން ވެސް މިގޮތަށް އަމަލުކުރަން ފަށާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީސްމީޑިއާގައި ޚިޔާލު ފާޅުކުރި އެހެން މީހަކު ބުނެފައިވަނީ ފާއިތުވި ސަރުކާރުން ދައުލަތުގެ ބަޖެޓުން އެ ސަރުކާރުގެ ރައީސް އޮފީހަކަސް، މިނިސްޓްރީއަކަސް، ކުންފުންޏަކުން ކުރި ޚަރަދަކަސް، ރައްޔިތަކު އެ ޚަރަދުގެ މައުލޫމާތު ހޯދަން ޖެހެނީ ގަނަތެޅިގެން ކަމަށެވެ.

''ސަރުކާރުން އެޅީ ހުރަސް. ކުރީ ސިއްރު. މައްސަލަ ނިންމަން ޖެހެނީ ކޯޓުތަކާ ހަމައިން. އިރާދަކުރެވިއްޔާ އެދުވަސް މާޒީވެއްޖެ.'' އޭނާ ބުންޏެވެ.

އެހެން މީހަކު ބުނެފައިވަނީ މިކަހަލަ ހެޔޮ ބަދަލުތައް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގަ އަންނާނެ ކަމީ ޝައްކެއް އޮތްކަމެއްނޫން ކަމަށެވެ.

'ތަފާތުދެއްތޯ، މީ ނޫންތޯ ވެރިން ވެރިކަންކުރަންޖެހޭ ގޮތަކީ'' އެހެން މީހަކު އެކްސްގައި ލިޔެފައިވެއެވެ.
މި ލިއުމާއި ގުޅޭ