ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް ހާމަކުރުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާ ގޮތަށް ރައީސް ޑރ.މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
ފާއިތުވި ސަރުކާރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން ހުށަހެޅުމުން އެއިން ބައެއް މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.
އެގޮތުން އެމެރިކާގެ ނިއުޔޯކުގައި އޮތް އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމު ކުރެއްވި ދަތުރުފުޅުގައި ހިނގި ޚަރަދުތަކުގެ ރަސީދުތައް ހޯދުމަށް އެދުމުން އެ މައުލޫމާތު ދިނުމަށް އިންކާރުކޮށް ރައީސް އޮފީހުން އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭނެ މައުލޫމާތު ކަމަށެވެ. އަދި އެ މައުލޫމާތު ސިއްރުކުރާނެ ޤާނޫނީ އަސްލެއް ނެތް ކަމަށެވެ.
ރައީސް އިބްރާހީމުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ރާއްޖެއިން ބޭރަށް ވަރަށް ގިނަ ދަތުރުތައް ކުރައްވާފައެވެ. އެ ދަތުރުފުޅުތަކަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓުން ހޭދަކުރި ނަމަވެސް އެ ދަތުރުފުޅުތަކުން މާ ބޮޑުކަމެއް ހާސިލުނުވެއެވެ.
ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންފައިވަނީ އެއްވެސް ކަމެއް ސިއްރުނުކުރައްވައި، ހާމަކަންބޮޑު ސަރުކާރެއް ހިންގެވުމަށެވެ. އަދި އިސްވެ ކަންކަން ރައްޔިތުންނަށް ބަޔާންކޮށްދެއްވުމުގެ ސިޔާސަތެއް ގެންގުޅުއްވަން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވެއެވެ.