Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް އާޒިމް

މަހުލޫފަށް ވާދަކުރާކަށް ނުކެރުނު, އެމްޑީޕީގެ މޭޔަރުކަމުގެ ޓިކެޓް އާޒިމަށް

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާ ގުޅިގެން އެމްޑީޕީއިން ބާއްވަން ނިންމި ޕްރައިމަރީގައި މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވާނެ އިތުރު ބޭފުޅަކު ނެތުމުން, އެ ޕާޓީގެ މޭޔަރުކަމުގެ ޓިކެޓް އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމަށް ދީފިއެވެ.

އެމްޑީޕީއިން މިއަދު ބުނީ މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލި މުއްދަތުގައި ކުރިމަތިލާފައިވަނީ ކޮންމެ ދާއިރާއަކަށް ވެސް އެއް ބޭފުޅަކު ކަމަށެވެ.

އޭގެތެރޭގައި މާލޭގެ މޭޔަރުކަމަށް އާޒިމް އެކަނި ކުރިމަތިލައްވާފައިވާތީ ޕްރައިމަރީއަކާ ނުލައި އޭނާއަށް ވެސް ވަނީ އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންފައެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނު އެހެން ފަރާތްތައް:

މެދު ހެންވޭރު ދާއިރާ - އަޙްމަދު ރިޝްވާން ރަޝީދު – ހ.ވޭމައުތު

ހެންވޭރު ދެކުނު ދާއިރާ - ޙައްވާ ނިޙްލާ – ހ.ތަރަބޫޒުގެ

މާފަންނު ދެކުނު ދާއިރާ - އަޙްމަދު ޢިމްރާން – މ.ފަޅުމަތީގެ

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވެސް މިދިޔަ އޮކްޓޫބަރު މަހުގައި އިއުލާނުކުރެއްވިއެވެ.

މާލޭގެ މޭޔަރުކަމާއި ތިން ކައުންސިލަރުން އިންތިޚާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯލިޝަނުން އިއްޔެ ވަނީ ހުޅުވައިލާފައެވެ. ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޑިސެމްބަރު ހަތަރެއް ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.
މި ލިއުމާއި ގުޅޭ