އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ބޮޑު މާރާމާރީއެއްގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި އައްޑޫ ހިތަދޫގައި ހިނގި މާރާމާރީއަކީ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެކެވެ. މި މާރާމާރީ ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި މާރާމާރީގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ. އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ކުރަމުންނެވެ.
މި މާރާމާރީގައި ޒަޚަމްވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލަތު ސީރިއަސްކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ މާރާމާރީ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.