Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ސަރުކާރުގެ އަމާޒަކީ 5 އަހަރުތެރޭ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފެއްދުން: ރައީސް

ސަރުކާރުގެ އަމާޒަކީ 5 އަހަރުތެރޭ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީީސް މިހެން ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ތިމާވެށްޓާ ރަހުމަތްތެރި ޓެކްނޮލޮޖީއާ އިއާދަކުރަނިވި ހަކަތައަށް ރުޖޫއަވުން މިހާރަށްވުރެ އިތުރުކޮށް ހަލުވިކުރުމަށް ކުރެއްވި އިލްތިމާސަށް އިޖާބަދެއްވައި އެކަން ހާސިލުކުރުމަށް ދިވެހި ސަރުކާރުން ރާއްވަވާފައިވާ ގޮތް ހިއްސާ ކުރައްވައިފައެވެ.

''އަޅުގަނޑުގެ ސަރުކާރުން މި އަމާޒު ހިފަނީ، ރާއްޖެގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރަން. މި ވަގުތު އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު ހުރީ 4 އިންސައްތާގައި.''
ރައީސް

މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

''އަޅުގަނޑުމެންނަށް މިކަން ވާން ހަމައެކަނި މިއޮތީ، ތިޔަ ބޭފުޅުންގެ އެހީތެރިކަމާއެކު.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މޫސުމީ ކަންކަމަށް ސީދާ ހޭދަކުރެވޭނެ މާލިއްޔަތެއް ކަނޑައަޅައިގެން އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އިސްކަންދެވޭނެ އައު ގޮތްތަކެއް ބޭނުންވާ ކަން ވެސް ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ދުނިޔޭގެ މާލީ ކަންކަން ހިނގާ އުސޫލާއި އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށާއި މީގެ ކުރީން ދުވަހަކުވެސް ނާންނަހައި އަވަހަށް މޫސުމަށް ބަދަލު އަންނަ ދުނިޔެއެއްގައި ވަކި ހަމަތަކަކާ ގަވާއިދުތަކެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން އިންތިޒާރުކުރެވޭކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.


''ފައިސާގެ ގާބިލުކަމާ ކަންކުރެވޭނެ ގާބިލުކަން ވަޒަންކޮށްކޮށް ތިބޭކަށް ވަގުތެއް ނެތް. ފައިސާ ލިބޭނެ ގޮތްތައް ފަސޭހަވާން ޖެހޭ. އަދި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖައާކުރަންޖެހޭ. މޫސުމަށް އަންނަބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ 'ލޮސް އެންޑް ޑޭމަޖް ފަންޑު' ގެ ބޭނުން ހިފަން ފަށައިގަތުމަށް، އިއްޔެ ނިންމި ނިންމުމާމެދު އަޅުގަނޑު އުފާކުރަން.''
ރައީސް

ރައީސް ވިދާޅުވީ މި ޖަޒީރާ ގައުމުތަކުގައި، ކޮންމެ މުރަކަކޮޅެއް، ކޮންމެ ވެލިފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކެއްގެ އަގެއްވާ ކަމަށާއި އެއިން ކޮންމެ އެއްޗަކަށް ލިބޭ ކޮންމެ ގެއްލުމަކީވެސް ގައުމަށާއި މުޅި އިގުތިސާދަށް ލިބޭ ގެއްލުމެއް ކަމަށެވެ.

ރައީސް ވަނީ މި ފަންޑުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް މި ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެކަމަށް އުންމީދުކުރައްވާ ކަން ފާހަގަކުރައްވައިފައެވެ.

މި ލިއުމާއި ގުޅޭ