Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގިސާސް ހިފުމަށް ހުރަސްއެޅޭ ގޮތަށް ޤާނޫނުލް އުޤޫބާތުގައި އޮތް މާއްދާ ބާތިލްކޮށްފި

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުމަށް ހުރަސްއެޅޭ ގޮތަށް އޮތް މާއްދާ ސްޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ސްޕްރީމް ކޯޓުގައި މިއަދު ކުރިޔަށްދިޔަ އަލީ ޝިފާން މީގެ 10 އަހަރު ކުރިން ވެސްޓުޕާކު ކައިރީ މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމްގައި މިމާއްދާ ބާތިލް ކުރި ކަމަށް ވަނީ ބުނެފައެވެ.

ކޯޓުން އުވާލީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ. މި މާއްދާގައި ބުނާގޮތުން ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާ ނަމަ، ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެއެވެ.

ގާނޫނުލް އުގޫބާތުގެ މާއްދާއެއް ބާތިލު ކުރަން ރައުޔުދެއްވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވީ އެ މާއްދާގައި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ. އެހެންކަމުން މި މާއްދާ ޑްރާފްޓް ކޮށްފައިވަނީ ހާސިލުކުރުން މުސްތަހިއްލު ޝަރުތެއް ކޯޓަށް މަތިކޮށް ގިސާސް ހިފުމަށް ހުރަސް އެޅޭ ގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ގިސާސް ހިފުމަކީ ސީދާ ކީރިތި ޤުރުއާން އިން ބަޔާންކުރެވިގެން އައިސްފައިވާ އުގޫބާތެއް ކަމާއި އިސްލާމީ ޝަރީއާގެ މި އަސްލާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ އަދި މާނަ ވެސް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލް އެއްޗަކަށް ކަމަށް ހުސްނުއްސޫދު ވިދާޅުވިއެވެ.

މީގެއިތުރުން މަރުގެ އަދަބު ދޭން ޖެހޭ ހާލަތުގައި 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުން އިތުރު ޝަރުތުތަކެއް ކަނޑައަޅައި މަރުގެ އަދަބު ރާއްޖޭގައި އަމުދުން ނުދެވޭ މިންވަރަށް، އަމަލީ ގޮތުން ނުކުރެވޭނެ ކަމެއްގެ ގޮތަށް މާނަ ކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންވެ އެ މާއްދާ އުވާލަން ފަނޑިޔާރު ސުއޫދު ނެރުއްވި ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ތާއިދު ކުރެއްވިއެވެ.

ނަމަވެސް ހަތަރު ފަނޑީޔާރުން ތިއްބެވި ބެންޗުގައި އިންނެވި ފަނޑިޔާރު އައިޝާ ސުޖޫން ވިދާޅުވީ މިހާރު އަމަލު ކުރާ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އޮތް ގޮތުން އެއްވެސް ހެއްކެއްގައި ފުށުއަރާ ނަމަ، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށެވެ. އަދި އެ މާއްދާއަކީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އިތުރު ރައްކާތެރިކަމެއް ކަމަށް ދެކޭ ކަމަށާއި އެއީ މަރުގެ އަދަބަކީ ގާނޫނުއަސާސީން ލިބިދޭ ދިރިއުޅުމުގެ ހައްގާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެ ހައްގު ނިގުޅައިގަނެވޭނީ ގާނޫނު މަޖިލީހުން ހަދާ ގާނޫނެއްގައި ބަޔާން ކުރާ ގޮތެއްގެ މަތިން ކަމަށާއި އެ ނޫން ގޮތަކަށް އެކަން މާނަ ނުކުރެވޭނެ ކަމަށް ވެސް ފަނޑިޔާރު ސުޖޫން ވަނީ ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ