ސަރުކާރު ކުންފުނިތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކޮންސަލްޓަންސީ (ލަފާ) ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީިން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނާގޮތުން ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ތަކުގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.
މި ކަމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގައި ޓާމްސް އޮފް ރިފަރެންސުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަން އިން 80 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ފަރާތްތަކަށް، އެ ފަރާތުން ހުށަހެޅި އަގުގެ ތެރެއިން މަސައްކަތަށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތެއް ހޮވާނެ ކަމަށް އިއުލާންގައިވެއެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީން ވަނީއިއުލާނާއެކު ޝާއިއުކޮށްފަ އެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް 5 ޑިސެމްބަރ 2023ގެ 14:00 ކުރިން މެއިލްކުރުމަށް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އާންމު ކުރެވިފައިވާ ޓީ.އޯރ.އާރު އާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޑިސެމްބަރ 2023ގެ 13:30އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ. އިއުލާނުގައި ބުނާގޮތުން އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.