Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު ޑރ.ޚަލީލު

މަރާމާތުނުކުރުމުގެ ސަބަބުން ސިއްހީ ދާއިރާގެ ބައެއް ފެސިލިޓީތައް ހުރީ ހުއްޓޭ ހިސާބުގައި: މިނިސްޓަރު

ޞިއްހީ ޚިދުމަތްދޭ ބައެއް ތަންތަން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން އެތަންތަނުން ޚިދުމަތް ދިނުން ހުއްޓޭ ހިސާބަށް ގޮސްފައި އޮތުމުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅަކީ އެތަންތަނުގެ މަރާމާތުގެ މަސައްކަތްކަމަށް ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

"ދިޔަރެސް"އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޑރ.ޚަލީލު ވިދާޅުވީ ޞިއްޙީ ދާއިރާއިން ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި ހުރި ކަމަށެވެ. އެ ދާއިރާއިން ކުރަން އޮތް އެންމެ ބޮޑު މަސައްކަތެއްކަމުގައި އޭނާ ފާހަގަކުރެއްވީ ޞިއްޙީ ދާއިރާގެ ބައެއް ފެސިލިޓީތައް މަރާމާތުކުރުމުގެ މަސައްކަތެވެ.

އެގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ބައެއް ފެސިލިޓީތައް އެއްވެސް މިންވަރަކަށް މަރާމާތުނުކުރުމުގެ ސަބަބުން އެތަންތަނުގެ ޚިދުމަތް ހުއްޓައިލަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.

"އެންމެ ބޮޑު މަސައްކަތަކަށް އަޅުގަނޑުމެންނަށް އޮތީ މަރާމާތުކުރުމުގެ މަސައްކަތް. ބައެއް ހެލްތު ސެންޓަރުތަކުގެ ޙާލަތު ހުރީ ކަންބޮޑުވާންޖެހޭ ހާލަތުގައި. މިދެންނެވިހެން ބައެއް ފެސިލިޓީތައް ހުއްޓުން އަރާފައި އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދުގެ ބޮޑެތި ހުރިހާ ހޮސްޕިޓަލަކަށް ޒިޔާރަތްކުރެއްވިއިރު، ބައެއް ހޮސްޕިޓާތަކުގައި މެޝިނަރީގެ ހާލަތު ހުރީ ކަންބޮޑުވެވަޑައިގަންނަވާ މިންވަރަށް ހީނަރުވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބައެއް ހޮސްޕިޓާތަކުގައި 5 މެޝިން ހުންނައިރު، މެޝިނެއް ދެ މެޝިނެއް މަސައްކަތްކުރަނީ. ހަލާކުވީމައި ހުންނަނީ ބަހައްޓާފައި. އެ މަރާމަތުކުރުމަށް އެމީހުންނެއް މާ ބޮޑު ސަމާލުކަމެއް ނުދޭ،" ޑރ.ޚަލީލު ވިދާޅުވިއެވެ.

ފެސިލިޓީތަކުގެ މެޝިންތައް ހަލާކުވެފައި ހުރުމުގެ އިތުރަށް ބައެއް ތަންތަނުގެ ފުރާޅުން ފެން ފޭބުމާއި، ސީލިން ހަލާކުވެ ވެއްޓުން ފަދަ ކަންކަމުގެ ޝަކުވާ ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިބިފައިވާކަން ޑރ.ޚަލީލު ފާހަގަކުރެއްވިއެވެ.

މަރާމާތުގެ މަސައްކަތްތައް ފުނިޖެހިފައި ހުރުމަކީ ބަޖެޓަށް އެކަމުން ބުރަ ބޮޑުވާނެ ކަމަކަށްވީ ނަމަވެސް ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނީ، ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ކުރަންޖެހިފައިހުރި މަރާމާތުގެ މަސައްކަތްތައް ކޮށްގެން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އުތުރާއި ދެކުނުގައި ހުރި ބޮޑެތި ހޮސްޕިޓަލުތަކުގައިވެސް ހާލަތު ހުރީ އެގޮތަށް ކަމުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދެކުނުން އައްޑޫ ހޮސްޕިޓަލާއި އުތުރުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަކީ މިހާރުވެސް ތާވަލުކުރެެމުންދާ މަސައްކަތްތަކެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ