ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓާކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފިޔަވަހި ނިމުމުން އެ ހޮސްޕިޓަލުވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވާ ފަދައިން މެޑިކަލް ޓުއަރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް މުހިއްމު ވަސީލަތަކަށް ކަމުގައި ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
"ދިޔަރެސް"އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ހެލްތު މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ތަރައްޤީކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ މުހިއްމު އެއް އެޖެންޑާއަށް ވާނެ ކަމަށެވެ. ރާއްޖެއަށް ބޮޑު ބަދަލެއް އަންނަންޖެހޭކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށާއި، އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްވެސް ބަދަލުވެ، މެޑިކަލް ޓުއަރިޒަމް ފަދަ ދާއިރާތައް ތައާރަފުވުމަކީ މުހިއްމު ކަމެއް ކަމުގައި ރައީސް ޤަބޫލުކުރައްވާ ކަމަށް ޑރ.ޚަލީލު ވިދާޅުވިއެވެ.
"ޓުއަރިޒަމް ސެކްޓާ ބަދަލުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއްކަމަކީ ރާއްޖެއަކީ މެޑިކަލް ޓުއަރިޒަމަށް ހުޅުވައިލެވޭ ޤައުމަކަށް ވުން. އެ މެޑިކަލް ޓުއަރިޒަމަށް ހުޅުވައިލެވޭ ޤައުމަކަށްވާއިރު ރާއްޖޭގައި ހުރި ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް މިހާރު އިމާރާތަކީ ރާއްޖޭގައި މިހާރު ހުރި އިމާރާތްތަކުގެ ތެރެއިން އިމާރާތުގެ ކޮލިޓީއާއި އެތަނުގައި ޤާއިމުކުރެވިފައި ހުރި ވަސީލަތްތަކުގެ ފެންވަރަށް ބަލާނަމަ އެންމެ ރަނގަޅު އެއް އިމާރާތެވެ.
"އެއީ ފޭސް އެކެއް. ފޭސް 2 އަޅުގަނޑުމެންނަށް ކުރެވުނު މި ތަޖުރިބާގެ އަލީގައި އެއަށްވުރެވެސް ވަރުގަދަ ތަނަކަށް ވެގެންދާނެ. މިހާރުވެސް މިކޮޅުގެ ޓެކްނިކަލް ޓީމާއި އައިޖީއެމްއެޗްގެ ޓެކްނިކަލް ބޭފުޅުންނާއި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހިމެނިވަޑައިގެން މިހާރުވެސް ސްޓަޑީއެއް ދަނީ ހަދަމުން ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރުން މިހާރަށްވެސް ޤާއިމުކުރަންވީ ކޮން ކަހަލަ ޚިދުމަތްތަކެއްތޯ ބަލަން،" ޑރ.ޚަލީލު ވިދާޅުވިއެވެ.
މި ސްޓަޑީ ނިމުމުން ލަސްތަކެއްނުވެ ދަރުމަވަންތަ ހޮސްޕިޓަލުން ފުރިހަމަ ހޮސްޕިޓަލަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ލަސްނުވެ ލިބިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފިޔަވަހިވާނީ ވިސިޓާ ޓުއަރިޒަމްގެ ނުވަތަ މެޑިކަލް ޓުއަރިޒަމްއަށް ހުޅުވައިލާ ވަރަށް ބޮޑު ދޮރަކަށް،" ޑރ.ޚަލީލު ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ރާއްޖެއިން ލިބެން ނެތް ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމުގައެވެ.
"ރައީސް ޤަބޫލުކުރައްވާ ގޮތުން ދެވަނަ ފިޔަވަހި ނިމޭއިރު [ދަރުމަވަންތަ ހޮސްޕިޓަލަކީ] މި ސަރަހައްދުގައިވެސް ހުރި އެންމެ ރަނގަޅު ހޮސްޕިޓަލަށް ވެގެންދާނެ. މި ސަރަހައްދުން އަދި ބައެއް ދުރު ހިސާބުތަކުންވެސް ބޭސްފަރުވާ ހޯދަން އަންނަ ހޮސްޕިޓަލަކަށް ވެގެންދާނެ،" ޑރ.ޚަލީލު ވިދާޅުވިއެވެ.