Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ސްޓެލްކޯއަކީ ސިޔާސީ ޕާޓީއެއްގެ ޖަގަހައަކަށް ވިޔަ ނުދޭނަން: އެމްޑީ ފަހުމީ

މާލޭ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ސަރުކާރު ހިއްސާވާ ކުންފުނި، ސްޓެލްކޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައަކަށް ވުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން "ދިޔަރެސް" އަށް ދެއްވި ފުރަތަމަ އެކްސްކްލޫސިވް އިންޓަވިއުގައި ފަހުމީ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ސްޓެލްކޯ އޮތީ ސިޔާސީ ޖަގަހަ އަކަށް ބަދަލުކޮށްފައި ކަމަށާއި އޭގެ ނަތީޖާ ވެސް ފެނިއްޖެ ކަމަށެވެ.
ފަހުމީ ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ ސިޔާސީ ނުފޫޒުން ސްޓެލްކޯ މިނިވަންކޮށް، ކުރިން ކުންފުނީގައި އޮތް ރީތި ގޮތްތައް އަލުން އިއާދަ ކުރުމެވެ. އެ ކުންފުންޏަކީ ހަމައެކަނި ޓެކްނިކަލް ކުންފުންޏަކަށް ބަދަލު ކުރައްވާނެ ކަމަށާއި، މުވައްޒަފުން ވެސް އެދޭ ގޮތަކީ އެއީ ކަމަށް ވިދާޅުވި އެވެ.
"ކުންފުނި މިވަގުތު މިވަނީ ސިޔާސީ ޖަގަހަ އަކަށް ބަދަލުކޮށްފަ ވޭތުވެދިޔަ ތަނުގައި. އަޅުގަނޑުމެންގެ ވިސްނުމަކީ، ރައީސް އެ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުންފުނީގައި ސިޔާސީ ނުފޫޒު ނުބޭއްވުން އެއްގޮތަކަށްވެސް. މި ކުންފުންޏަކީ އެއްވެސް ޕާޓީއެއްގެ ޖަގަހައެއް ނޫން. އަޅުގަނޑު އެކަން ކުންފުނީގެ ތެރޭ ނުވެސް ކުރާނެ، ކުރަން ފުރުސަތު ވެސް ނުދޭނެ،" ފަހުމީ ވިދާޅުވި އެވެ.
"ސިޔާސީ އެއްވެސް ކަމެއް އަޅުގަނޑުމެން މިތާ [ސްޓެލްކޯ] ތެރޭގައި ނުކުރާނަން. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ކުންފުނި ސިޔާސީ ކުރީމަ ކަންތައްތައް ދިޔަ ގޮތް. ކުންފުނީގެ މުވައްޒަފުން ނުކުމެ ބުނީ ތިމަންނަމެން ބޭނުމެއް ނޫނޭ ކުންފުނި ސިޔާސީ ކުރާކަށް. މިތަން ސިޔާސީ ނުކުރާށޭ."
އެހެންކަމުން އޭނާގެ އެމްޑީ ކަމުގައި ސްޓެލްކޯގައި ސިޔާސީ ކުލަ ޖެހުނަ ނުދޭނެ ކަމަށާއި، މުވައްޒަފުންގެ މެދުގައާއި އާންމުނަށް ހިދުމަތް ދިނުމުގައި ވެސް ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވި އެވެ. އެނާގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
"މިއީ ވަރަށް ދުވަސްވީ ދައުލަތެއްގެ، ވަރަށް މުހިންމު އަސާސީ ހިދުމަތެއްތޭ ޓެކްނިކަލް ކުންފުންޏެއް. އެހެންވީމަ އަޅުގަނޑު ބޭނުންވަނީ ކުރީގެ ވެސް އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި ކަލްޗާ ގެނެސް، ކުންފުނި ވަރަށް ޓެކްނިކަލް ކުންފުންޏެއްގެ ގޮތުގައި މެއިންޓެއިން ކުރަން،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަށް ސްޓެލްކޯ ބަދަލުކޮށް، ކުންފުންޏަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ދުވަސްތަކެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ސްޓެލްކޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމާއި، ކުންފުނިތަކުގެ ވަސީލަތްތައް އެމްޑީޕީގެ ކެމްޕެއިނަށް ބޭނުންކުރި މައްސަލަތައް ފެންމަތިވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ