Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު

ފުރަތަމަ ދަތުރުފުޅުގެ އުސްއަލިތައް: ''މިއީ ރަން ބާބެއްގެ ފެށުން''

ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި ''އަޅުގަނޑު ގައުމުތަކާ ރަހުމަތްތެރިވާނަން'' ކަމަށާއި ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނެ'' ކަމަށް ވިދާޅުވުމަށްފަހު, މި މަހުގެ 26 ވަނަ ދުވަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ނިންމަވައިލެއްވީ ރޭގައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުުރުފުޅު ނިންމަވައިލައްވައި ފުރާވަޑައިގަންނަވަމުން އެކްސްގައި ރައީސް ލިޔުއްވާފައިވަނީ މިއީ އިންތިހާއަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅާއެކު ތުރުކީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުޅިން އާ ބާބެއް ފެށިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި ތުރުކީގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވަނީ ތުރުކީގެ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ދަތުރުފުޅުގައި ތުރުކީގެ ރައީސާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި ތުރުކީއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކަށްފަހު "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ވަނީ ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑޮކްޓަރ އޮމަރ ބޮލަޓްއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެ ގައުމުގެ ނައިބު ރައީސްއާއި އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފައެވެ.

1.ތުރުކީވިލާތުގެ ޔޫނިއަން އޮފް ޗެމްބަރސް އެންޑް ކޮމޯޑިޓީ އެކްސްޗޭންޖުގެ ނައިބު ރައީސް ފާއިކް ޔަވުޒް އާާ ބައްދަލުކުރެއްވުން: ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއާއި، އިމާރާތް ކުރުމުގެ ދާއިރާއާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި.

2.ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އަރސޯއި އާާ ބައްދަލުކުރެއްވުން: ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓަރކިޝް އެއާރލައިންސްގެ ފްލައިޓުތައް ދިވެހިރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތުރުކީވިލާތުގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ބެހޭގޮތުން އަދި ދެ ގައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން މަޝްވަރާ ކުރެއްވި.

3.ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، ޢަބްދުالله އެރެން، އާާ ބައްދަލުކުރެއްވުން: ތައުލީމީ ދާއިރާއާއި އިޖްތިމާޢީ ދާއިރާއިން އަދި ގައުމުގެ ސަގާފަތުގެ ދާއިރާއިން އަދި ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ތަމްރީނުތައް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި.

4.ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ އާާ ބައްދަލުކުރެއްވުން: ދެ ގައުމުގެ ދެމެދުގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާ ބެހޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި.

5.ތުރުކީވިލާތުގެ މިނިސްޓަރ އޮފް އިންޓީރިއަރ ޢަލީ ޔަރލިކަޔާ، އާާ ބައްދަލުކުރެއްވުން: ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއާއި، އަދި ރާއްޖޭގެ މަދަނީ ދިފާއުގެ ކަންކަމަށް ބޭނުންވާ ތަމްރީނު ދިނުންފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި.

6.ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން، ޔޫސުފް ތެކިން އާާ ބައްދަލުކުރެއްވުން: ދެ ގައުމުގެ ދެމެދުގައި މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ރޮނގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުންނާއި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލަރޝިޕް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި.
7.ތުރުކީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް، މުސްތަފާ ޓުޒްކޫ އާާ ބައްދަލުކުރެއްވުން: ފަތުރުވެރިކަމުގެ ދާއިރާއިންނާއި، އިމާރާތް ކުރުމުގެ ދާއިރާއިންނާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އަދި ރާއްޖެއާއި ތުރުކީވިލާތުގެ މަސްވެރިންނާއި، މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި.

8.ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސް، ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސް އާ ބައްދަލުކުރެއްވުން: ދެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދަނޑުވެރިކަމާއި، ހައި ޓެކްނޮލޮޖީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި.

މީގެއިިތުރުން ރައީސްގެ މި ދަތުރުފުޅުގައި ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޚާއްސަކޮށް 30 ސްކޮލަރޝިޕް ފުރުސަތު ދެއްވާނެކަން ތުރުކީގެ އިސް ބޭފުޅުން ޔަގީންކޮށްދެއްވާފައިވާ ކަމަށާއި މި ފުރުސަތުތައް މި އަންނަ ޖެނުއަރީމަހު ހުޅުވާލައްވާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސްގެ މި ދަތުރުުފުޅުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި ޕްރިންސިޕަލް އެޑްވައިޒަރ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިއުމާއި ގުޅޭ