Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެހީ ހޯދަން

ދުވާލަކު އެތައް ފަހަރަކު ފިޓް ޖެހޭ ތުއްތު އަކިޔަލްގެ ބޭސްފަރުވާއަށް އެހީތެރިކަމެއް ބޭނުން

އުމުރުން އެންމެ 1 އަހަރާއި 4 މަހުގެ ޔޫސުފް އަކިޔަލް ބިން ފާތިހުއަކީ އޭނަގެ މައިންބަފައިންގެ ދެލޮލުގެ ނޫރެވެ. ކޮންމެ މަޔަކާއި ބަފަޔަކުވެސް ދެކެމުން އަންނަ ހުވަފެނަކީ އެދެމަފިރިންގެ ދަރިން ހެޔޮ ހާލުގައި ލައްވާ އުފަލާއި އަރާމުގައި ބޮޑެތިކުރުމެވެ. އަކިޔަލް ދުނިޔެއަށް އައުން ވެގެން ދިޔައީ އޭނަގެ ބައްޕަ ފާތިހު ފަހުމީ އާއި މަންމަ އައިޝަތު އަލަފް މުހައްމަދުގެ ހަޔާތަށް ލިބިގެންދިޔަ ނިއުމަތަކަށެވެ. ދަރިޔަކު ލިބުންއެދި އުއްމީދުކުރަމުންދަނިކޮށް ލިބުނު ފުރާނަ ކޮންމެ ދުވަހަކު އެތައް ފަހަރަކު ފިޓް ޖެހި އެ ތުއްތު ހަށިގަނޑުގައި އަޅަމުންދާ ވޭން ތަހައްމަލްކުރަނީ ޚުދު އެދެމަފިރިން ކަހަލައެވެ.

ރޭނިދިން މަހުރޫމްވެ ހަދާފަ ނަހަދަންވީ ގޮތެއް ނޭގި ދެމަފިރިންގެ ނިންޖާއި އަރާމު މިވަނީ ގެއްލިފައެވެ. ދަރިފުޅު ފިޓްޖެހޭ ކޮންމެ ފަހަރަކު މައި ޅަގޮނޑިއަށް ކެތް ނުކުރެވެއެވެ. އަކިޔަލްގެ މަންމަ ކިޔައިދިން ގޮތުގައި އަކިޔަލް އެންމެ ފުރަތަމަ ފިޓްޖެހުނީ އުމުރުން 8 މަހުގައެވެ.

"އެންމެ ފުރަތަމަ ފިޓްޖެހުނީ 8 މަހުގައި. އޭގެކުރިން ބޭބީ ހަމަ ރަނގަޅަށް ހުރީ. ޑޮކްޓަރުން ބުނަނީ އިންފާޓައިލް ސްޕޭމް ކަމަށް. ދުވާލަކު އެތައް ފަހަރަކު ފިޓްޖެހޭ. މެކްސިމަމް 10 ފަހަރުވެސް ޖެހޭ ބައެއް ދުވަހު"
އަކިޔަލްގެ މަންމަ

ފިޓްޖެހޭ ކޮންމެ ފަހަރަކު އެތައް ޑޮކްޓަރުންނަށް ދައްކައި އެހާގިނަ ޓެސްޓުތައްވެސް ހަދައެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު އަކިޔަލްގެ ބައްޔަށް ފަރުވާއެއް ނުލިބެއެވެ. އަދި ފިޓްޖެހޭ ސަބަބެއްވެސް ވަނީ ނޭގިފައެވެ.

ޑޮކްޓަރުން ބުނަނީ ފިޓްޖެހޭ ސަބަބު ދެނެގަތުމަށްޓަކައި ޓެސްޓު ތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އެހާ ގިނައިން ފިޓް ޖެހުމުގެ ސަބަބުން އަކިޔަލްގެ ހެދިބޮޑުވުމަށްވެސް އޭގެ އަސަރު ކުރެއެވެ. ކޮންމެ ފަހަރަކުވެސް ފިޓް ޖެހުމުން ޑޮކްޓަރަށް ދައްކައިގެންނާއި އެޑްމިޓްކޮށްގެން ފަރުވާ ދެވެއެވެ. ނަމަވެސް މިކަމުގައި އަދިވެސް އެދެވޭ ފަރުވާއެއް ރާއްޖެއިން ލިބިފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ.

"ޑޮކްޓަރު ލަފާދެނީ ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށް ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށްދާން."
އާއިލާ

ބޭރަށް ދިޔުމަށް މިހާރު އާސަންދަ ހަމަޖެހިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާސަންދައިން ބޭސްފަރުވާގެ ޚަރަދު ދިނަސް ދަތުރަށާއި ހުރުމާއި ކެއުމަށްވެސް ގިނަ ޚަރަދުތަކެއް ދާނެކަން އާއިލާއިން ފާހަގަކޮށްލިއެވެ.

އަކިޔަލްގެ މައިންބަފައިން ވަޒީފާ އަދާކުރިނަމަވެސް މާލޭގައި ދިރިއުޅޭ ތަނަށް ކުލި ދިނުމަށްފަހު ދިރިއުޅުމުގެ އެހެނިހެން ޚަރަދުތަކާއި ދެ ކުދިންނަށް ހަރަދުކޮށްފައި އަތުގައި އެއްވެސް އެއްޗެއް ނޯވެއެވެ.

އެހެންކަމުން އާއިލާއިން އެދެނީ އަކިޔަލްގެ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި އާންމުންގެ ދީލަތި އެހީއަކަށެވެ.

ގުޅޭނެ ނަމްބަރު: 7451617 އައިޝަތު އަލަފް މުހައްމަދު (މަންމަ)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7730000005598 ) އައިޝަތު އަލަފް މުހައްމަދު.
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު ( 7730000504219 ) އައިޝަތު އަލަފް މުހައްމަދު.
މި ލިއުމާއި ގުޅޭ