Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ތައިލެންޑުން ރިޖެކްޓްކުރާ މަހުގެ ތަފްސީލު ހޯއްދަވަން ތިންވަނަ ފަހަރަށް ހުށަހަޅުއްވަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ތައިލެންޑަށް ވިއްކާ ރޯމަހުގެ ތެރެއިން ރިޖެކްޓްކުރާ މަހުގެ އަދަދާއި އެކަމުގެ ސަބަބުން ގެއްލިފައިވާާ ފައިސާގެ ތަފްސީލު ހޯއްދަވަން ފޮނުއްވި ސިޓީއަށް ޖަވާބެއް ލިބިވަޑައިނުގަތުމުން, ތިންވަނަ ފަހަރަށް އެ އިދާރާއާ ސުވާލު ކުރަން ހުށަހަޅުއްވަން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ނިންމަވައިފިއެވެ.

މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޓް ލެވެލްއަށް ފާއިތުވި ފަސް އަހަރު މިފްކޯގެ އިންވޮއިިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޮށްލެވިފައިވާނަމަ, އެ ފައިިސާގެ ޖުމްލަ އަދަދަކީ ކޮބައިިތޯއާއި 2018 އިން ފެށިގެން 2022 ގައި ހުރި މިންވަރުގެ ތަފުސީލު ހޯއްދެވުމަށް މެންބަރު އިބްރާހިމް ރަޝީދު ފުރަތަމަ ސުވާލު ކުރެއްވީ ފިޝަރީޒް މިނިސްޓްރީއާއެވެ. އެއީ ސެޕްޓެމްބަރު 2022 ގައެވެ.




ނަމަވެސް އެ މައުލޫމާތު މިނިސްޓްރީގައި ނެތްކަމަށް ބުނެ މައުުލޫމާތު ދީފައެއް ނުވެއެވެ. އެއަށްފަހު މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ފިނޭންސް މިނިސްޓަރަށް އެ ސުވާލު ހުށަހެޅުއްވިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ސުވާލާ ގުޅިގެން އޭރުގެ މިނިސްޓަރު އިބްރާހިމް އަމީރު ޖޫން 19 ގައި ފޮނުއްވި ސިޓީ އިއްވައިފައެވެ.




އަމީރުގެ ސިޓީގައި ވަނީ މަޖިލީހުން އެދިވަޑައިގެންފައިވާ މައުުލޫމާތަކީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ނޫންކަން ފާހަގަކުރައްވައި, އެ މައުުލޫމާތު މިފްކޯ މެދުވެރިކޮށް ހޯއްދެވުމަށް އެދިވަޑައިގެންފައެވެ.




ޖަވާބު އިއްވެވުމާއެކު ނިޒާމީ ނުކުތާއެއް ނަންގަވަމުން މެންބަރު އިބްރާހިމް ރަޝީދު ވަނީ ފިޝަރީޒް މިނިސްޓްރީއާއި އޭގެ އިތުރުން ކުންފުނިތަކުގެ ބެލެނިވެރިޔާ, ފިނޭންސް މިނިސްޓަރާ ވެސް މި ސުވާލު ކުރެއްވުމުން ޖަވާބު ނުދެއްވާކަން ފާހަގަކުރައްވައި, ހުރިހާ ކުންފުންޏެއްގެ ހިސާބުކިތާބު ބަލަހައްޓާ ފިނޭނެސް މިނިސްޓްރީއިން އެކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.




''މިފްކޯގެ ބޮޑެތި ޚިޔާނާތް އޮޑިޓް ރިޕޯޓުން [އެނގެން] އޮތް ހިނދު ވެސް އެ ޖަވާބެއް ނުދެއްވި. އެހެންވީމާ މިހާރު ދެން އަޅުގަނޑު އަނެއްކާ ވެސް މި ސުވާލު މިފްކޯއަށް ފޮނުވާނެ ވާހަކަ ދަންނަވަން.''




މެމްބަރު ތުހުމަތު ކުރައްވާ ގޮތުން މިފްކޯއިން ތައިލެންޑަށް ވިއްކާ މަހާ ގުޅޭ ގޮތުން ތަފާސްހިސާބުތައް ހާމަކުރުމަށް އިދާރާތަކުން އުުޒުރުވެރިވަނީ އެ މައުލޫމާތުތައް ފޮރުވުމުގެ ނިޔަތުގައެވެ. އޭނާ ވަނީ މިފްކޯއިން ތައިލެންޑަށް ވިއްކާ މަހުގެ ތެރެއިން ބޮޑު އަދަދެއް ރިޖެކްޓްވާ ކަމަށް ބުނެ އޮޮޅުވާލައިގެން ބަޔަކު ކޮރަޕްޝަން ހިންގާކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ.




އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް 1.072 ބިލިއަން ރުފިޔާ ގެއްލުންވެފައި ވެއެވެ.




މިފްކޯއިން ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގައި އަމަލުކުރި ގޮތާއި ގުޅޭގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓުން ދައްކާ ގޮތުން އެ މުއްދަތުގައި (2017 އަހަރު ފިޔަވައި) ހުރިހާ އަހަރަކު ވެސް މިފްކޯއަށް ވެފައިވަނީ ގެއްލުމެވެ.

މި ލިއުމާއި ގުޅޭ