އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ އާރިޓީއެލް ފެރީ އާއި ބަހުގެ ޚިދުމަތް ހޯދަން ހާއްސަކޮށްފައިވާ އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފުކޮށްފިއެވެ.
އެ ކުންފުނިން ބުނާގޮތުން އާރުޓީއެލްގެ އެޕްލިކޭޝަނަށް "އާރުޓީއެލް ވޮލެޓް" ގެ ނަމުގައި އިތުރުކުރި މި ފީޗާ އާއެކު ދުރާލާ ފެރީ އާއި ބަސް ދަތުުރުތަކަށް ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެ ކަމަށާއި މި ފީޗާގެ ބޭނުންކޮށް ވޮލެޓަށް ފައިސާ ޖަމާކުރެވޭނީ އާރުޓީއެލް އެޕްލިކޭޝަނުގައި އީމެއިލް އަދި ފޯނު ނަންބަރު ވެރިފައިކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
އާރުޓީއެލް ވޮލެޓަށް ވަނުމަށްފަހު "ޓޮޕް-އަޕް" އަށް ފިއްތާލައިގެން ކޮންމެ ބޭންކެއްގެ ކާޑެއް ބޭނުންކޮށްގެން ވިޔަސް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.
އެމްޓީސީސީ އިން ބުނެފައި ވަނީ އާރުޓީއެލް އެޕްލިކޭޝަނަށް އިތުރުކުރި މި ފީޗާގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އޮކްޓޯބަރމަހު ވަނީ ފެރީ އާއި ބަހަށް ކާޑުން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައެވެ. ވިސާ ކާޑު އަދި މާސްޓާ ކާޑުގެ އިތުރުން އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ވެސް ފެރީ ޓިކެޓް ނެގޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެމްޓީސީސީން ބުނިގޮތުގައި ކިއުއާރް ކޯޑް ސްކޭން ކޮށްގެން ޓިކެޓް ބޭނުންކުރެވޭ ފީޗާއެއް ވެސް އާރްޓީއެލް އެޕަށް އިތުކޮށްފައިވާނެއެވެ. އަދި އެޕް އަޕްޑޭޓް ކޮށްލުމާއެކު ހުރިހާ ކަސްޓަމަރުންނަށް ވެސް އައު ފީޗާތައް ތަޖުރިބާކޮށްލެވޭނެއެވެ.