ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެޅި ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން އަތުން ދިޔަ ފައިސާގެ ބަދަލު ދިނުމަށް ސަރުކާރުން ރާވާފައިވާ ގޮތާއިމެދު ސުވާލު ކުރުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ސުވާލުކުރަން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިއަދު ހުށަހަޅުއްވައިފި އެވެ.
ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަކޮށްފައެވެ.
އޭނާ ވިދާޅުވީ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި ފައިސާ ދޭން ރާވާފައިވާ ގޮތާއި އެ ފައިސާ ދޭން ކަނޑައަޅާ މުއްދަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފައެވެ. އަދި އެ ފައިސާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާނޭ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިއްޔެ އައްޔަންކުރެއްވި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި ނަމަވެސް އެ ކަމަށް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި 200،000ރ. ފްލެޓްތަކުގެ ވެރިންނަށް ދޭނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފައިސާ ދޭނެ ކަމުގެ ޔަޤީންކަން ފަޒުލްވަނީ ދެއްވާފައެވެ.
ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް އެތަނުގެ ވެރިފަރާތްތަކުން ކޮށްފައިވަނީ އަމިއްލަ ހަރަދުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި 7،000 ފްލެޓް ހިމެނޭ ހިޔާ ފްލެޓްތައް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ހަވާލުކުރީ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުނިންމަ އެވެ. އެކަމާ ގުޅިގެން އިބޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.