Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގޭ ގޮތަށް އަމުރު ނެރުނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފި

ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިން ކިޔަވައި ނުދެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި ގައިޑްލައިނަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މިދިޔަ އަހަރު އެމްކިއުއޭއިން ހެދި ގަވާއިދެއްގެ ދަށުން ކަނޑައެޅި ގައިޑްލައިނެއްގައި ބައެއް ދާއިރާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވޭނެ ކަމަށް ނިންމި އެވެ.

އެ ގަވާއިދުގެ އެ ބައި ބާތިލްކުރަން މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން ހައި ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމެންދެން ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭނެ ކަމަށް އެ ގައިޑްލައިންގައި އޮތް ބަޔަށް އަމަލުކުރުން ފަސް ކުރަން ހައި ކޯޓުން އަމުރުކުރި އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވަގުތީ އަމުރު ނުނެރެފިނަމަ ޓީޗިން ދާއިރާއިން އޮންލައިންކޮށް ކިޔަވަން އެދޭ ދަރިވަރުންނަށް ފުރުސަތު ގެއްލި، މަންދު ކޮލެޖަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެކަމަކީ ގިނަ އަދަދެއްގެ ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށްވާތީ ވަގުތީ އަމުރެއް ނެރުމަކީ އެ ދަރިވަރުންގެ މަސްލަހަތުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ސްޕްރީމް ކޯޓުން ބުނީ ވަގުތީ އަމުރު ނުނެރެފިނަމަ މަންދު ކޮލެޖަށް ލިބޭނެ ގެއްލުން އަންދާޒާ ނުކުރެވޭއިރު، އެ އަމުރު ނެރުނަސް ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ބުނެދެވިފައިނުވާ ކަމަށެވެ. އެހެންވެ، ހައި ކޯޓުން ގޮތެއް ނިމެންދެން އެ ވަގުތީ އަމުރު ދަމަހައްޓަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަލީ ރަޝީދެވެ.
މި ލިއުމާއި ގުޅޭ