ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް އެދުނު މީހުންގެ ތެރެއިން އެ ޕޯޓަލްއިން އޮޓޯއިން ޕޮއިންޓު ދިނުމުން ޝަރުތު ހަމަނުވާ މީހުންނަށް ލިބުނު ޕޮއިންޓު ބަދަލުކޮށް ފުލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.
އިންތިޤާލީ މަރުހަލާގެ ތެރޭގައި އަވަސް އަރުވާލައިގެން ފުލެޓުތައް ވަކި ބަޔަކަށް ދިނުމަށް މަސައްކަތްކުރާކަމަށް ތުހުމަތުވެފައިވަނިކޮށް، އެ މަސައްކަތް އޭސީސީން ހުއްޓުވާފައިވެއެވެ. އެ މަސައްކަތް ހުއްޓުވުމާ ގުޅިގެން އޭސީސީގެ މެންބަރުން މިއަދުވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މިއަދު ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބުރައީސް ޢަބްދުއްސަލާމް ވިދާޅުވެފައިވަނީ ހައުސިން މިނިސްޓްރީގެ ގެދޮރުވެރިޔާ ޕޯޓަލަށް ހުރިހާ ލިޔެކިޔުންތައް އަޕްލޯޑުކުރުމުން ލިޔެކިޔުންތަކާއި، ހުށަހަޅާފައިވާ މައުލޫމާތު ވަޒަންކޮށް އޮޓޯއިން މާކުސް ޖެނެރޭޓުކުރާ ކަމަށެވެ.
ނަމަވެސް އެ ޕޯޓަލްއިން ޖެނެރޭޓުކުރާ ޕޮއިންޓު އެޕްރޫވުކުރުމަށް ނުވަތަ އެ އެޕްރޫވުކުރުން ޕްރޮސެސްކުރަން ތިއްބެވި ބޭފުޅުން އެ މާކުސްތަކަށް ބަދަލުގެންނަވާފައިވާކަން ފާހަގަކުރެއްވިފައިވާ ކަމުގައި ސަލާމް ވިދާޅުވިއެވެ.
"ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމައެއް ނުވޭ، އެހެންވެއްޖެ އެ ސިސްޓަމްތަކުން ޝަރުތު ހަމަ ނުވާ ކަމަށް ދައްކާ. ނަމަވެސް އެޕްރޫވަލް ލެވަލް އިން ޝަރުތު ހަމަވާ ކަމަށް ބަދަލު ކޮށްފައި ހުންނަ ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ވަނީ." ސަލާމު ވިދާޅުވިއެވެ.
އެގޮތުން ފޯމުގައި ދަރިއަކު ނެތްކަމަށް ބުނެފައިވާ މީހެއްގެ ދަރިން ނެތްކަން ޑީއެންއާރުގެ ޑާޓާއިންވެސް ކަށަވަރުވާއިރު އޭނާއަށް ދަރިން ތިބި މީހުންނަށް ޕޮއިންޓު ލިބޭ ބައިން މާކުސް ދީފައިހުރިކަން ފާހަގަވެފައިވާކަން މިސާލެއްގެ ގޮތުގައި ސަލާމު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ޕޯޓަލްއަށް ހުށަހަޅާފައިވާ ލިޔުންތަކުން އެމީހަކީ މާލޭގައި ދިރިނޫޅޭ މީހެއްކަން ކަށަވަރުވާއިރުވެސް މަތިން މާކުސް ދިނުމަށްފަހު އެފަދަ މީހުންނަށްވެސް ފުލެޓު ދީފައިހުރިކަން ފާހަގަކުރެއްވުނު ކަމުގައި ސަލާމު ވިދާޅުވިއެވެ.
ސަލާމް އިތުރަށް ވިދާޅުވީ އެކަންކަން އިސްލާހުކުރަން އޭސީސީން އެދުނު ނަމަވެސް ދާއިމީ ލިސްޓު އާންމުކުރިއިރު އެކަންކަން އިސްލާހުކޮށްފައި ނުވާކަން ފާހަގަކުރެވުމުން އިތުރަށް ފުލެޓު ދިނުމުގެ މަސައްކަތް ކުރިއަށްނުގެންދަން އެންގެވީ ކަމަށެވެ.
އިތުރަށް އޭސީސީން ފާހަގަކުރި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ މާކުްސް އެފަދަ ފަރާތެއް ނެތީސްވެސް ބައެއް މީހުންނަށް ދީފައިހުރިކަން ފާހަގަކުރެވިފައިވެއެވެ.
ފުލެޓު ލިސްޓުގައި މިފަދަ ބޮޑެތި މައްސަލަތަކެއް ހުރުމުން އޭސީސީގެ އެދުމާ އެއްގޮތަށް އެ ލިސްޓު މުރާޖައާކުރައްވާނެކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ.ހައިދަރު އަލީ އަހުމަދު ވިދާޅުވުމުން އޭނާއަށް މަޖިލީހުން ރުހުން ނުދޭނެކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.