Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ރަމީލާ

މިނިސްޓަރ ޑރ. ރަމީލާ ކެންސަރުގެ ބައްޔަށް ބޭސްކުރައްވަން ފުރާވަޑައިގަންނަވަން ނިންމަވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ބޭސްކުރުމަށްޓަކައި ބޭރަށް ފުރައިވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޑރ. ރަމީލާ މިއަދު ހެނދުނު ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެކަމަނާ ކެންސަރު ބައްޔަށް ފަރުވާކުރުމަށްޓަކައި ބޭރު ޤައުމަކަށް ފުރައިވަޑައިގަންނަވަން ނިންމަވާފައިވާކަމެވެ. އަދި، ބޭރުން އެޗްއައިޕީއީސީ ކީމޯ ތެރަޕީއާއި ރޭޑިއޭޝަން ތެރަޕީ ހެދުމަށް ނިންމަވާފައިވާކަމަށްވެސް ޑރ. ރަމީލާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް، ޑރ. ރަމީލާ ފޭސްބުކްއަށް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެކަމަނާއަށް ކެންސަރު ޖެހިފައި ހުރިކަން ދެނެގަނެވުނު އިރު ބަލި ހުރީ އެންމެ ނުރައްކާ ހާލަތުގައި ކަމަށެވެ. ކެންސަރުކަން ދެނެގަނެވުނުއިރު ކެންސަރު ހުރީ 5 ވަނަ ސްޓޭޖުގައި ކަމަށް ޑރ. ރަމީލާ ވިދާޅުވެފައިވެއެވެ. އެހެންކަމުން، މިއަދު ކުރެއްވި ޕޯސްޓުގައި އެކަމަނާއަށް ހެޔޮ ދުޢާ ކޮށްދެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ އަރިހުން އެދިފައިވެއެވެ.

"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ،"
ވަޒީރު ޑރ. ރަމީލާ ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޑރ. ރަމީލާ ބޭހަށް ފުރައިވަޑައިގަންނަވަނީ އިންޑިއާއަށެވެ. ނަމަވެސް ކެންސަރުގެ ބާވަތާއި އިތުރު މަޢުލޫމާތެއް ދެއްވާފައެއްނުވެއެވެ.

ޑރ. ރަމީލާގެ ބަލިހާލަތާއި ބެހޭގޮތުން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވީ، ރަމީލާގެ ބަލިހާލަތު ބެއްލެވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރަމީލާއަށް ފޯނުން ގުޅުއްވިކަމަށެވެ. އަދި، ރަމީލާއަށް ހެޔޮ ދުޢާކުރާނެ ކަމާއި، ރަމީލާ ކެންސަރާއި ދެކޮޅަށް ކުރާ ހަނގުރާމާގައި ސަރުކާރުން ދެވެން އޮތް ހުރިހާ އެހީއެއް ދެއްވަވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާކަމަށްވެސް ހަލީލް މަޢުލޫމާތު ދީފައިވެއެވެ. ރައީސް ޑރ. މުއިއްޒުގެ ދުޢާއަކީ ރަމީލާއަށް އަވަސް ޝިފާއެއް މިއްވަރު ކުރެއްވުންކަމަށާއި، ރަމީލާ އަލުން މަސައްކަތުގެ މާހައުލަށް ނިކުންނަ މަންޒަރު ދެކެން ރައީސް ބޭނުންފުޅުވާކަމަށް ހަލީލް ވިދާޅުވިއެވެ.

ނަމަވެސް ރަމީލާގެ ބަލިހާލަތު ތަން ނުދިނުމުގެ ސަބަބުންނާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މަސްއޫލިއްޔަތު ބޮޑުކަމަށް ވުމުގެ ސަބަބުން، ވަގުތީގޮތުން ރަމީލާގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ފަރާތެއް ޢައްޔަންކުރުމުގެ މަސައްކަތް ވީހާވެސް އަވަސް ތާރީޚެއްްގައި ފައްޓަވާނެކަމަށް ހަލީލް ވިދާޅުވިއެވެ.

މިމަހުގެ 17 ވަނަ ދުވަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ހަވާލުވެޑައިގެންނެވި ވަޒީރު ޑރ. ރަމީލާއަކީ މީގެ ކުރިން ސިއްޙީ ވުޒާރާއާއި ޖްންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭކަނބަލެކެވެ. މީގެ އިތުރުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައެވެ. އަދި، ޑރ. ރަމީލާއަކީ ސޯޝަލް ސައިންސްގެ ދާއިރާއިން ތަޢުލީމް ހާސިލްކޮށް ޕީއެޗްޑީ ސަނަދު ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

މި ލިއުމާއި ގުޅޭ