Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްކޮންސް

ޖޫރިމަނާ ދައްކަންޖެހުމުން އެފްކޯންސަށް ގެއްލުންވާނެ ކަމަށް ބުނެ ނެރެދޭން އެދުނު ވަގުތީ އަމުރު ނުނެރުނު

ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން އެ މަސައްކަތަށް ބޭނުންކުރި ބާޖެއް ވިލިމާލޭ ފަރަށް އަރައި، ލިބުނު ގެއްލުމާ ގުޅިގެން ކުރި ޖޫރިމަނާގެ ސަބަބުން ގެއްލުންވާނެކަމަށް ބުނެ އެ ޖޫރިމަނާ ދެއްކުން މަޑުޖައްސައިދޭން ވަގުތީ އަމުރެއް ނެރެދޭން އެކުންފުނިން އެދުމުން އެ އަމުރު ނެރެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ވަގުތީ އަމުރަށް އެދި އެފްކޯންސްއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޕްލެޓުފޯމު ފަރަށް އެރުމަކީ އެ ކުންފުނީގެ އިހުމާލެއް ނެތި، ކުންފުންޏަށް ބާރު ނުފޯރުވޭނެ ފަދަ ބިޔަ ރާޅުތަކެއް އަރައިގެން މެދުވެރި ކަމެއް ކަމަށެވެ.

އިތުރަށް އެ ކުންފުނިން ބުނެފައިވަނީ ބުރިޖުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ފަރަށް ގެއްލުން ލިބޭނެކަން އެ މަޝްރޫޢުގެ އެންވަޔަރަމެންޓް އެސެސްމެންޓު ރިޕޯޓުންވެސް އެނގޭ ކަމަށެވެ. އަދި އެކަން އެނގޭ ހާލުގައި އެ ކުންފުނި ޖޫރިމަނާކުރަން ނިންމާފައިވަނީ ކުންފުނީގެ އިހުމާލެއް އަދި ފަރަށް ގެއްލުން ލިބުމުގައި އެ ކުންފުނިން ކުރި ކަމެއް ބަޔާންނުކޮށް ކަމުގައިވެސް އެ ކުންފުނިން ބުންޏެވެ.

އެފްކޯންސްއިން އިތުރަށް ފާހަގަކުރީ ޖޫރިމަނާ ދައްކަންޖެހުމުން އެ ކުންފުނީގެ ކޭޝް ފްލޯއަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ޖޫރިމަނާގެ ސަބަބުން ވިލިމާލެ ބުރިޖުގެ އެއްބަސްވުން ބާތިލުކުރުމުގެ ފުރުސަތެއް އޮތްކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ މައްސަލާގައި އެފްކޯންސްއިން އެދުނީ ޖޫރިމަނާ ފަސްކުރުމާއެކު، އެ ޖޫރިމަނާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީޕީއޭއާއި ކަމާ ބެހޭ ވުޒާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ދައުލަތުން ދިފާއުގައި ބުނެފައިވަނީ މި މައްސަލާގައި ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި އެފްކޮންސްއަށް ލިބިދާނެކަމަށް އެ ކުންފުނިން ބުނެފައިވާ ރެޕިއުޓޭޝަނަލް ލޮސް ނުވަތަ އަގުވެއްޓުމަކީ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ފަދަ ހާލަތެއް ނޫން ކަމަށެވެ.

މި މައްސަލަ ބެއްލެވި ޤާޟީ ޒުލައިޚާ ޝީޒާގެ ނިންމެވުމުގައި ފާހަގަކުރެއްވީ މި މައްސަލައަކީ އަވަސް ފިޔަވަޅު އެޅުން ލާޒިމުވާ ބާވަތުގެ މައްސަލައެއްކަން ނުވަތަ އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެފްކޯންސަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އަދި އިތުރަށް ޤާޟީ ފާހަގަކުރެއްވި ގޮތުގައި މި ޖޫރިމަނާގެ ސަބަބުން އެއްބަސްވުން ބާތިލުވުމުގެ ފުރުސަތު އޮތްކަމަށާއި، ކޭޝް ފްލޯއަށް ޖޫރިމަނާގެ ސަބަބުން ނޭދެވޭ އަސަރުކުރާނެކަމަށް ބުނި ނަމަވެސް އެއީ ކިހިނެއްވާ ކަންތައްތަކެއްކަން އެފްކޯންސަށް ބުނެދެވިފައިނުވެއެވެ.

އެފްކޯންސްގެ ބާޖުގެ ސަބަބުން ވިލިމާލެ ފަރަށް ލިބުނު ގެއްލުމާ ގުޅިގެން އެ ކުންފުނިވަނީ 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އީޕީއޭގެ ނިންމުން އެންވަޔަރަމެންޓު މިނިސްޓްރީއަށް ހުށަހެޅުމުން އެ ނިންމުމަށް ބަދަލު ނުގެނައުމަށް ކުރީގެ މިނިސްޓަރު އައިމިނަތު ޝައުނާ ނިންމަވާފައިވެއެވެ.

މި ލިއުމާއި ގުޅޭ