އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް ދިވެހިރާއްޖޭގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ އިޒްރޭލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއް ކަމަށާއި އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވާފައެވެ.
ރައީސްގެ މެސެޖުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ ކަމެއް ކަން ފާހަގަ ކުރައްވައި އެ ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ވެސް ގޮވާލައްވައިފައެވެ.
މީގެއިތުރުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ފަލަސްތީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ ފަލަސްތީނުގެ މުސްތަގިއްލު މިނިވަން ދައުލަތެއް ގާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމަށެވެ.
މިގޮތުން އިޒްރޭލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް ގާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަގިއްލު, މިނިވަން ދައުލަތެއް ގާއިމުކޮށްފައިވާ ކަމާއި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިޒްރޭލުން ގަބޫލުކުރަންޖެހޭ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ވެސް ވިދާޅުވެފައެވެ.