އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ރީކޯ މޫސާ މަނިކު ވާދަކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރީކޯ މޫސަގެ އަރިސް ބޭފުޅަކު "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް މޫސަ ހުންނެވީ ތައްޔާރަށެވެ.
އަދި މިހާތަނަށް މޫސަގެ ވިސްނުންފުޅު ހުރީ މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާށެވެ.
މިހާތަނަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވަނީ ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި، ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރާއި، މާލޭ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފު ފާތިޙާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.
އިލެކްޝަންސް ކޮމިޝަނުންވަނީ މާލެ ސިޓީގެ މޭޔަރުކަމަށާއި، ހުސްވެފައިވާ ކައުންސިލުގެ ގޮނޑިތަކަށް ވާދަކުރަން ނަން ހުށަހެޅުމަށް އިއްޔެ ހުޅުވާލާފައެވެ. އަދި އެމްޑީޕީން މިއަދުވަނީ އެ ގޮނޑިތަކަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމަށް ހުޅުވައިލާފައެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ރީކޯއާއި މަހުލޫފު ޝައުޤުވެރިކަން ފާޅުކުރައްވާފައިވާއިރު، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްވެސް އެމްޑީޕީގެ ޓިކެޓުގައި އެ މަޤާމަށް ވާދަކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް އާޒިމް މިހާތަނަށް އެކަން އިއުލާނުކުރައްވާފައިނުވެއެވެ.
މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި، ރައްޔިތުންގެ ސީދާ ވޯޓަކުން ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެން، މަޤާމާ ހަވާލުވެވަޑައިގަތުމުގެ ގޮތުން މޭޔަރުކަމުން އިސްތިއުފާދެއްވުމުންނެވެ.
މާލޭ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް ޑރ.މުޢިއްޒު ތާއީދުކުރައްވަނީ ކުރީގެ ބަންޑާރަނައިބު އާޒިމަ ޝަކޫރަށެވެ. އޭނާ މަޤާމަށް ކުރިމަތިލައްވާނީ ޕީޕީއެމް/ޕީއެންސީ ޓިކެޓުގައެވެ.