ދީނީ ހަރުކަށިކަމާއި ތަފާތު ދެބަސްވުންތަކަށް ހިނގައިދާނެ ވިސްނުންތަކުން ގައުމު އަދި މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
''ދިޔަރެސް'' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ހައްދުފަހަނައެޅުމުގެ ކަންކަމާއި އިސްލާމްދީނަށް ފުރައްސާރަކުރުންފަދަ ކަންކަމުން މި ރާއްޖެ ސަލާމަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ އެ ވުޒާރާގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ އެ ކަންކަމުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން ސަރުކާރުގެ އެހެން އިދާރާތަކާ ވެސް ގުޅިގެން އިރާދަކުރެއްވިއްޔާ ދީނީ ހަރުކަށިކަމާއި ތަފާތު ދެބަސްވުންތަކަށް ހިނގައިދާނެ ވިސްނުންތަކުން ގައުމު އަދި މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި.''
ވަޒީރު ވިދާޅުވީ ހައްދުފަހަނައެޅުމާއި ހަރުކަށި ވިސްނުންތައް އެއީ ހަމަ ފިކުރީ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ފިކުރީ މައްސަލައެއް ހައްލު ކުރެވޭނީ ފިކުރީ ގޮތުން މަސައްކަތް ކޮށްގެން ކަމަށެވެ. މާނައަކީ އިލްމާއި ސަގާފަތާއި މަޢުރިފާ ފެތުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
''މިސާލަކަށް ބަލަމާ. އެންމެ ބޮޑަށް މި އަޑުއިވޭ ވާހަކައަކީ ޖިހާދަށް ނުވަތަ ހަނގުރާމަ ކުރުމަށްދާ ވާހަކައާއި. އެއްބަޔަކު މި މަސައްކަތް ކުރަނީ އިސްލާމީ ފިގުހުން ޖިހާދު މި ލަފުޒު އެއްކޮށް ޑިލީޓް ކުރަން. އެކަމު އެއީ ވާނެ ކަމެއް ނޫން. އިސްލާާމީ ފިގުހުގަ ވެސް އަދި ބައިނަލްއަގުވާމީ ގާނޫނުގަ ވެސް އޮންނަ ކަމެއް ހަނގުރާމަ ކުރަންޖެހޭ ހާލަތުގަ ހަނގުރާމަ ކުރުމަކީ.''
އެހެންނަމަވެސް ''އިސްލާާމީ ޖިހާދު'' މި ލަފުޒު ބޭނުން ކުރެވިފައި އޮންަނަނީ ވަކި ކަހަލަ ގަވާއިދުތަކާއި ވަކި ކަހަލަ އުސޫލުތަކާއި ވަކި ކަހަލަ އަޚުލާގެއްގެ ތެރޭގައި ކަމަށާއި ޖިހާދު އިއުލާނު ކުރުމާއި ސުލްހަ އިއުލާނު ކުރުމަކީ އިސްލާމީ ގައުމެއްނަމަ އެ ގައުމެއްގެ ސަރުކާރަކުން ނުވަތަ ހާކިމު އަތްމަތީގަ އޮންނަ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަނގުރާމައަށް ދާ މީހާއާމެދު ވެސް ޝަރީއަތުގައި ގަވާއިދުތައް ކަނޑައެޅިފައި އެބަހުރިކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
''އޭނަ ހަނގުރާމައަށް ގޮސްގެން ނުވާނެ އޭނަގެ ވެރިމީހާގެ އިޒުނައެއް ނެތިއެއް. އަދި މައިންބަފައިންގެ ރުހުމެއްނެތި ހަނގުރާމައަށް ގޮސްގެން ނުވާނެ.''
ވަޒީރު ވިދާޅުވީ މިއީ ދީނުގައި ކިހިނެއް އޮތް ކަމެއްކަން ކުދިންނަށް ބުނެދޭންޖެހޭ ކަމަށެވެ. އަދި މުޖުތަމައު ހޭލުންތެެރި ކުރެވިއްޖެނަމަ ފިކުރީ ކަންކަމުން މުޖުތަމައު ސަލާމަތްވެ އެއްބައިވަންތަކަން ގާއިމުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.