Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުނގޫފާރު

ޑރ.އަފްރާޝީމްގެ ހަނދާނުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު އައިޔޫއެމްއާ ހަވާލުކޮށްފި

އަވަހާރަކޮށްލާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި ބިނާކޮށްފައިވާ ރ.އުނގޫފާރު އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކެމްޕަސް ހިންގުމަށް މިއަދު އެ ޔުނިވަރސިޓީއާ ހަވާލުކޮށްފިއެވެ.

‏އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް އުނގޫފާރު އިސްލާމީ މަރުކަޒު ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އައިޔޫއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ މިއަދަކީ ޑރ.އަފްރާޝީމް ޝަހީދުވުމަށްފަހުގައި އެމަނިކުފާނަށްޓަކައި ހައްގު ޚިދުމަތެއް ރާއްޖޭގެ ފަސްގަނޑުގައި ގާއިމުވެގެންދާ ދުވަަސް ކަމަށެވެ.

އައިޔޫއެމް ވުޖޫދުވެގެން ދިއުމުގައި ޑރ.އަފްރާޝީމްގެ ވަރަށް ބޮޑު ހިއްސާއެއް އޮތްކަން ފާހަަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރ.އަތޮޅުގެ އިތުރުން އުތުރުގެ ރަށްތަކަށް އައިޔޫއެމްގެ ކޯސްތައް ފެތުރިގެން ދިއުމަކީ އަފްރާޝީމްގެ ނަންފުޅުގައި ކޮށްދެވޭ މަތިވެރި ޚިދުމަތަކަށްވާނެ ކަމުގައެވެ.

މީގެއިތުރުން ޑރ.ޝަހީމް ވިދާޅުވީ އައިޔޫއެމްގެ ކޯސްތަކަކީ ރާއްޖޭގައި ތިއްބެވި އެންމެ އިލްމުވެރި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރުން ހިމެނިވަޑައިގެން ތަރުތީބު ކުރެވިފައިވާ ކޯސްތަކެއް ކަމަށާއި މި ކޯސްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ފެތުރިގެން ދިއުމަކީ މުޖުތަމައުއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.

އަނިޔާވެރި ގޮތަަކަށް 2012 ވަނަ އަހަރުގައި ޝަހީދުކޮށްލި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމްގެ ހަނދާނުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒައާމަތުގައި އިސްލާމީ ބިނާކުރީ ދައުލަތުގެ ބަޖެޓުން 27 މިލިއަން ޚަރަދުކޮށްގެންނެވެ.

މަސްޖިދު ޑރ.އަފްރާޝީމްގެ ނަމުން ނަން ދީފައިވާ އެ ބިނާގައި ހަތަރު ކިލާސް ރޫމާއި ކުތުބުޚާނާއަކާއި އިދާރީ އޮފީހަކާއި ޖަލްސާކުރާ މާލަމެއް ހިމެނެއެވެ. ދެ ފަންގިފިލާ ހިމެނޭ އެ މަރުކަޒުގައި ނަމާދު ކުރުމަށް 5380 އަކަފޫޓު ކަނޑައަޅާފައިވާއިރު އެ ސަރަހައްދުގައި އެއްފަހަރާ 900 އެއްހައި މީހުންނަށް ނަމާދު ކުރެވޭނެއެވެ.

މި މަރުކަޒު އައިޔޫއެމްއާ މިއަދު ހަވާލު ކޮށްފައިވާއިރު ރާއްޖޭގެ ދެކުނުގައި އެ ޔުނިވަރސިޓީގެ ކެމްޕަސް ހިންގުމަށް ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ވަނީ ހަވާލުކޮށްފައެވެ.
މި ލިއުމާއި ގުޅޭ