ކުރިއަށް މި އޮތް ދެ ހަފުތާއަކީ އިސްލާމްދީނުގެ ދާއިރާއާގުޅޭ ވަރަށް މުހިންމު ހެޔޮ ނިންމުންތަކެއް އަންނާނެ ދުވަސްތަކެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
''ދިޔަރެސް'' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ކަންކަން ނަގަހައްޓައި ދަމަހައްޓަން ވަރަށް ގިނަ ކަންކަން ހިމަނުއްވާފައިވާ ކަމަށާއި ރައީސްގެ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެ ވުޒާރާގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތްތައް ކުރަމުންްދާ ކަމަށާއި އޭގެތެރޭގައި ދުރާލައި ކަންކަން ރޭވުމާއި, ސިޔާސަތުތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ ލަފާފުޅަށް ބޭނުންވާ ކަންތައްތަކުގެ ކަރުދާސް ތައްޔާރުކޮށް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
''އެހެންވީމަ ކުރިއަށް މި އޮތް ހަފުތާއެއް ދެ ހަފުތާއެއްގެ ތެރޭގަ އެއީ ވަރަށް މުހިންމު އިސްލާމްދީނުގެ ދާއިރާއާގުޅޭ ވަރަށް މުހިންމު ހެޔޮ ނިންމުންތަކެއް އަންނާނެ ދުވަސްތަކެއް ކަމަށް އަޅުގަނޑު ދެކެން.''
މިސްކިތްތަކުގެ ދައުރު ފުޅާކުރުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަން ފާހަގަ ކުރައްވައި ވަޒީރު ވަނީ މިސްކިތްތަުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
ރާއްޖޭގައި އާންމު ގޮތެއްގައި މިސްކިތްތައް ބޭނުން ކުރެވެމުން ދަނީ ނަމާދުކޮށްލުމަށާއި ނުވަތަ ދީނީ ނަސޭހަތެއް ދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އަތޮޅުތަކުގައި ދީނީ ނަސޭހަތެއް ދިނުންފަދަ ކަމެއް އޮންނަނީ މަދުފަހަރެއްގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިސްކިތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ އެހެން ގޮތްތަކަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށާއި އެގޮތުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދެވިދާނެ ކަންތައްތަކެއް އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެތެރޭގައި ރަށްރަށުގެ އިމާމުންނާއި މުދައްރިސުން މެދުވެރިކޮށް ޤުރްޢާން އުނގަންނައިދިނުން ނުވަތަ ޤުރްޢާން ހިތުދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް އިންތިޒާމު ކުރެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
''އެހެންވީމަ މިކަމާގުޅޭ ގޮތުން އަޅުގަނޑުވާނީ މިހާރު ދިރާސާ ކުރުމަށް ޤުރްޢާނާބެހޭ މަރުކަޒަށް ހަވާލުކޮށްފަ. މިގޮތަށް ޤުރްޢާން ހިތުދަސްކޮށްފަ ކްލާސްތަކެއް މިސްކިތްތަކުގަ ކުރިއަށް ގެންދެވިދާނެތޯ. އަދި ރަށްރަށުގަ އިމާމުންގެ ގޮތުގަ ހާފިޒުން ތިބީ ކޮންކޮން ރަށްރަށެއްގަތޯ ނުވަތަ ޤުރްޢާން މުދައްރިސުންގެ ބޭނުން ހިފިދާނެ ރަށްރަށަކީ ކޮބައިތޯ މިސްކިތްތަކުގަ މިހެން ހިންގޭ ކުލާސްތަކަށް. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެހަފުތާއެއްގެތެރޭގަ އަޅުގަނޑުމެންނަށް އެ ބެލުމުގެ ނަތީޖާ އެނގިގެންދާނެ. އެގޮތުން ވަރަށް އަވަހަށް ފަށަން ބޭނުން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ޤުރްޢާނާ ގުޅޭ ކަންތައްތައް މިސްކިތުގެތެރެއިން ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގަ''
ހެނދުނާ ހަވީރު އެގޮތަށް ކުލާސްތައް ބޭއްވިޖެނަމަ މިސްކިތްތަކަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމަށާއި ކުޑަކުދިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބިޖެހިގެންދާނެ ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.