Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޭޕް

ކުޑަކުއްޖަކު ރޭޕްކުރުމުން މާބަނޑުވި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 27 ދުވަަސް

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބަޔަކު ކުޑަކުއްޖަކު ރޭޕްކުރުމުން މާބަނޑުވި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 27 ދުވަަސް އިތުރުކޮށްފިއެވެ.

ގއ, ގދ, އައްޑޫ އަދި ފުވައްމުލައް ހިމެނޭ ސަރައްހައްދުގެ ރަށެއްގައި އުމުރުން 18 އަހަރުން ދަށުންގެ ކުއްޖަކު ބަލިވެއިން މައްސަލަ ފެންމަތިވީ މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަކޮޅުގައެވެ.

މި މައްސަލާގައި ހައްޔަރު ކުރީ ދެކުނުގެ ރަށަކަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު މި މަހުގެ 17 ވަނަ ދުވަހު ވަނީ 27 ދުވަސް އިތުރުކޮށްފައެވެ. މި މުއްދަތު ހަމަވާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާއާއި އެ ކުއްޖާގެ މި ވާހަކަތައް ކިޔައިދީފައިވާ އެ ކުއްޖާގެ އެންމެ ގާތް ރަހުމަތްތެރިޔާ (18 އަހަރުން ދަށުގެ) އިންޓަވިއު ޓްރާންސްކްރިޕްޓުންނާއި އަދި ފިރިހެން މީހާ ބަންދު މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު އޭނާ ތުހުމަތުކުރެވޭ ކުއްޖާއާއެކު ޖިންސީ އަމަލު ހިންގިކަން އެނގެން އޮވެއެވެ. އަދި މި މައްސަލާގައި ފިރިހެން މީހާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކަމާއި އަނިޔާ ލިބުނު ކުއްޖާއަކީ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދިޔަ ކުއްޖެއް ކަމާއި ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓަށް ބަލާއިރު ތުހުމަތުކުރެވޭ ފަރާތުގެ މި އަމަލުގެ ސަބަބުން ކުއްޖާ ބަނޑުބޮޑުވެފައިވާކަން އެނގެން އޮވެއެވެ.

މީގެއިތުރުން ފިރިހެން މީހާއަކީ އަނިޔާ ލިބުނު ކުއްޖާގެ ގޭގެ މީހުންނާ ގާތް ގުޅުމެއް އޮޮންނަ އެ ގެއަށް ގޮސް އުޅޭ މީހެއް ކަމާއި ކުއްޖާ އެބޯޓްކުރުމަށް އަނިޔާ ލިބުނު ކުއްޖާއަށް ފިރިހެން މީހާ ބޭސްތަކެއް ކުއްޖާއަށް ދިންކަން މައްސަލާގައި ކޯޓަށް ހުށަހެޅިފައިވާ ބަޔާންތަކުން އެނގެން އޮވެއެވެ. އަދި މި މައްސަލަ ހުށަނޭޅުމަށް އެދި މީނާ ކުއްޖާގެ މަންމަ ކައިރީގައި އެދިފައިވާތީ ހެކިބަސްދީފައިވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު މީނާއަށް ފުޅާ ދާއިރާއެއްގައި އޮތް ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އޭނާގެ ބަންދަށް 27 ދުވަސް އިތުރުކުރީ އޭނާ ބަންދުން ދޫކޮށްފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއާއި ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައެވެ.
މި ލިއުމާއި ގުޅޭ