Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ލިޔުން ލިބިފައިވާ މީހުނަށް ގޯއްޗާއި ފުލެޓު ދިނުމަށް ގޮވައިލައިފި

ފްލެޓާއި ގޯތި ލިބުނުކަމުގެ ލިޔުން ލިބިފައިވާ މީހުނަށް ވީ އެންމެ އަވަހަކަށް ގޯއްޗާއި ފުލެޓު ދިނުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

ލިޔުން ލިބިފައިވާ މީހުނަށް ގޯއްޗާއި ފުލެޓު ދިނުމަށް ގޮވައިލައިފައިވަނީ ކުއްލި މައްސަލައެއްގެ ގޮތުގައެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލު ނަސީމެވެ.

ކުއްލި މައްސަލަ ބަލަގަތުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިފައިވާއިރު އެ ވޯޓަށް އެއްވެސް މެންބަރަކު ނުފެންނަކަމަށް ވޯޓު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން 29 މެންބަރުންގެ ތާއީދާއިއެކު ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވެއެވެ.

ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއިލް ނަސީމް ހުށަހަޅަމުން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފުލެޓުތަކާއި ގުޅޭގޮތުން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މަޢުލޫމާތު ދެމުން ދާ ކަމަށެވެ. އެހެންކަމުން، ގޯއްޗާއި ފްލެޓު ދޫކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ހަގީގީ ސިޔާސަތު ހާމަކުރުމަށް މީކާއިލް ގޮވާލާފައިވެއެވެ.

މީކާއިލް ވިދާޅުވީ، ރާއްޖޭގެ އެތައް ހާސް ރައްޔިތުންނެއް ރައީސް ޑރ. މުއިއްޒުއަށް ވޯޓު ދެއްވީ ނިމިދިޔަ ސަރުކާރުތަކުން ދީފައިވާ ގޯއްޗެއް އަދި ފްލެޓެއް އަތުނުލާނެކަމަށް ރައީސް ޑރ. މުއިއްޒު ވެފައިވާ ވައުދައް އިތުބާރުކޮށްގެންކަމަށެވެ. އެހެންކަމުން ސަރުކާރުގެ ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ބޭއްްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވުނު ގޯތިތަކުގެ ސައްހަކަމާއި މެދު ސުވާލު އުފައްދާ އެ ލިޔުންތައް ދޫނުކުރެވޭނެކަމަށް އަންގަވާފައިވާ ކަމަށް މީކާއިލް ވިދާޅުވެފައިވެއެވެ.

"2023 ގެ ރިޔާސީ އިންތިހާބަށް އަދި މާ ގިނަ ދުވަހެއް ނުވޭ. ސަރުކާރުގެ ޑރ. މުއިއްޒުގެ އަދި އެމަނިކުފާނުގެ ހައުޒިންގް މިނިސްޓަރުގެ އަސްލު ސިފަ، އަސްލު ކުލަ ރައްޔިތުންނަށް މިހާރުވެސް ދައްކާލައިފި. "
ކުއްލި މައްސަލަ ހުށަހަޅަމުން މީކާއިލް ވިދާޅުވީ

މީގެ އިތުރުންވެސް، އަލުން ފޯމު ހުށަހަޅަން ޖެހިދާނެކަމަށް ޑރ. ހައިދަރު ވިދާޅުވެފައިވާކަމަށް މީކާއިލް ހުށަހެޅި ކުއްލި މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ. އަދި، ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަނޑައަޅައި، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުގެ ފަޅު ތަރައްގީކޮށް ގާއިމް ކުރުމަށް އެއްވެސް އަދަދެއް 2026 އަށް ލަފާކުރާ އަދަދެއް ސަރުކާރުގެ ބަޖެޓުގައި ނުހިމަނާ ފުށި ދިއްގަރު ހިއްކުމަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަކީ އެކަމުގެ ސަބަބުން ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭކަމަށް މީކާއިލް ބުނެފައިވެއެވެ.

ރައީސް އިބްރާހީމްގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފްލެޓު ލިސްޓު އާނމުކޮށްފައިވެއެވެ. އަދި އެ ލިސްޓާއި ގުޅިގެން އެތައް ބައެއްގެ ޝަކުވާ ސަރުކާރަށް އަމާޒުވަމުން ދެއެވެ. އެކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމުގެ މަތިން، ފްލެޓު ލިސްޓު އަލުން ރިވިއު ކުރަން ނިންމާފައިވާކަމަށް ޑރ. ހައިދަރް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ