Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ގުރުއާން ކްލާސްތައް ހިންގަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މިސްކިތްތަކުގައި ކުޑަކުދިންނަށް ގުރުއާން އުނގަންނައިދިނުމާއި، ހިތުދަސްކޮށްދިނުމުގެ ކްލާސްތަކެއް ހިންގަން ރާވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
"ދިޔަރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ މިސްކިތްތަކުގެ ދައުރު ފުޅާކުރުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިސްކިތްތައް ބޭނުންކުރަނީ ހަމައެކަނި ނަމާދު ކުރުމަށާއި މަދު ފަހަރަކު ދީނީ ނަސޭހަތް ދިނުމަށެވެ. އެހެންވެ، މި ސަރުކާރުން ވިސްނީ މިސްކިތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ އެހެން ގޮތްތަކަކީ ކޮބައިތޯ އެވެ.
"އެގޮތުން ބަލާއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ކުރިއަށްގެންދެވިދާނެ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ކަންތައްތައް އެބަހުރި. އަޅުގަނޑުމެން ކުޑައިރު ވެސް، ގުރުއާން ކިޔަވަން ދަސްކުރީ މިސްކިތު ކުލާހުން. އެހެންވީމަ މިހާރު އަދި އަމުދުން އެކަން ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނޯންނާނެ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
"ރަށްރަށުގެ އިމާމުންނާއި އަދި ރަށްރަށުގެ ގުރުއާން މުދައްރިސުން މެދުވެރިކޮށް މިސްކިތްތަކުގައި ކުޑަކުދިންނަށް ގުރުއާން އުނގަންނައިދިނުން ނުވަތަ ގުރުއާން ހިތު ދަސްކުރުމުގެ ޕްރޮގުރާމުތައް އަޅުގަނޑުމެންނަށް އިންތިޒާމު ކުރެވިދާނެ."
އެ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ދިރާސާތައް ކުރުމަށް ގުރުއާނާ ބެހޭ މަރުކަޒާ މިހާރު ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އެ ދިރާސާގެ ތެރެއިން ރަށްރަށުގައި ތިބި ހާފިޒް އިމާމުންނާއި، ގުރުއާން މުދައްރިސުން ބޭނުންވާ ރަށްރަށް ދެނެގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ކުރިއަށް މިއޮތް ދެ ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެ ބެލުމުގެ ނަތީޖާ އެނގިގެންދާނެ. އެގޮތުން އަޅުގަނޑުމެން ހަމަ ވަރަށް އަވަހަށް ފަށަށް ބޭނުން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ގުރުއާނާ ގުޅޭ ކަންތައްތައް މިސްކިތުގެ ތެރެއިން ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތަށް އެ ކްލާސްތައް ހެނދުނާ ހަވީރު ބޭއްވިއްޖެ ކަމުގައިވާނަމަ އެއީ މިސްކިތްތަކަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ، ކުޑަކުދިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބި ޖެހިގެންދާނެ އަދި ގުރުއާނުގެ އިލްމު، މިސްކިތްތައް މެދުވެރިކޮށް ފެތުރުމުގެ ހަމަ ރަނގަޅު ފުރުސަތަކަށް ވެސް ވާނެ."
މިސްކިތު ގުރުއާން ކްލާހުގެ އިތުރުން ވެސް، ޑރ. މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމްދީނަށް ހަރުދަނާކުރުމަށް ހުރި އިތުރު ކަންކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހަކީ އިސްލާމްދީނުގެ ދާއިރާއާ ގުޅޭ ކަންތައްތަކަށް ވަރަށް މުހިންމު ހެޔޮ ނިންމުންތަކެއް އަންނާނެ ދުވަސްތަކެއް ކަމަށެވެ.
މި ލިއުމާއި ގުޅޭ