ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަލުން ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީ ސަރުކާރަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ. އުކުޅަހުގައި އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
އެގޮތުގެ މަތިން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
އެ ގަރާރުގައި ބުނެފައިވަނީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށާއި ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދޮ ހަގީގަތް ހާމަކުރުމަށް ގިނަ ބަޔަކު ގަވާލަމުންދާ ކަމަށެވެ.
އެހެންވެ، ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ސަލާމަތާއި މިނިވަންކަމމާއި އިސްތިގްލާލަށް އުނިކަމެއް ނުވަތަ އަސަރެއް ކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައިވޭތީ ނުވަތަ އެފަދަ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައިވޭތީ ދެނެގަނެ، އެކަމުގެ ދެތި ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަކީ ގައުމުގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިންހަތިޔާރާއެކު ބައިތިއްބައިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ނަގާލުމަށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް އިންކުއަރީ ހެދުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެެވެ.
އަދި އެ އިންކުއަރީގައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައިވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށާއި އެކަން ކުރީ އެމްޑީޕީ ސަރުކާރުން ގަސްތުގައި ގައުމަށް ގެއްލުން ދިނުމުގެ ގޮތުން ކަމަށާއި، އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ކުރި ތުހުމަތުތައް ވެސް ތަހުގީގު ކުރުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.