Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ކާޑުތަކުގެ ލިމިޓަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުންކުރުމުގައި ކަނޑައަޅާފައިވާ ލިމިޓަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރަސްމީ ދަތުރުފުޅެއްގައި ތުރުކީގައި ދިރިއުޅޭ ދިވެހިންނާއި ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ. މުއިއްޒު ތުރުކީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާފައިވަނީ، އެ ޤައުމުގެ ގައުމީ ކުތުބުހާނާގައެވެ. އެ ބައްދަލު ވުމަކީ ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރެވިގެންދިޔަ ބައްދަލުވުމެއްކަމަށް ތުރުކީގައި ދިރިއުޅެމުންދާ ދިވެހީންގެ ފަރާތުން ބުނެފައިވެއެވެ.

ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހީންނާއި ރައީސް ޑރ. މުއިއްޒުއާއި ބޭވުނު ބައްދަލުވުމުގައި، އެ މީހުނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން، ތުރުކީގައި ދިރިއުޅޭ ދިވެހީންގެ ކަންބޮޑުވުންތަކަށް ދެވެންއޮތް ހުރިހާ ހައްލެއް ހޯދައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

ރައީސުލްޖުމްޙޫރިއްޔާ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހީންނާއި އެކު ބޭއްވި ބައްދަލުވުމުގައި، އެގައުމުގައި ދިރިއުޅެމުން ދާއިރު ދިވެހީންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން އެ ރައްޔިތުންގެ ފަރާތުން އެތައް ކަމެއް ރައީސްއަށް ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ނެތުމުން ދިމާވާ ދަތިތައް ހިއްސާކޮށްފައިވެއެވެ. އަދި މީގެ އިތުރުންވެސް، ބީއެމްއެލް ގެ ކާޑުތަކުން އެ ޤައުމުގައި ފައިސާ ނެގޭ އަދަދަށް ކަނޑައަޅާފައިވާ ލިމިޓުގެ ސަބަބުން އިތުރު ދަތިތަކާއި ކުރިމަތިވާކަމަށް އެ ޤައުމުގައި ދިރިއުޅެމުންދާ ދިވެހީން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުންވެސް އެކި ތަމްރީނުތަކުގައި ތުރުކީވިލާތުގައި ތަމްރީނު ހާސިލްކުރަމުންދާ ފަރާތްތައްވެސް އެ ބައްދަލުވުމުގައި ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ. އެގޮތުން، ޗުއްޓީ ލިބުމުން އަނބުރާ ރާއްޖެ ދިއުމަކީ ބައެއްފަހަރު ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމެއް ކަމަށް އެ ރައްޔިތުން ބުނެފައިވެއެވެ. އަދި، ސްކޮލާޝިޕް ފުރުސަތުތައް މިހާރަށްވުރެއް އިތުރުކޮށްދިނުމަށްވެސް ތުރުކީވިލާތުގައި ދިރިއުޅޭ ރައްޔިތުން ރައީސް ޑރ. މުއިއްޒުގެ އަރިހުން އެދިފައިވެއެވެ.

ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހީންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ބީއެމްއެލްގެ ކާޑުތަކުގައި ކަނޑައެޅިފައިވާ ލިމިޓުގެ މައްސަލައަށް ހައްލެއް ގެނެވޭތޯ މަސައްކަތް ފަށާފައިވާކަމަށް ރައީސް ޑރ. މުއިއްޒު މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ