އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާ ޖަލު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ތިން މަސް ދުވަހުގެ މުއްދަތަކަށް ލަމްހާ ބަންދުން ދޫކޮށްލީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފަ އެވެ.
މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް އުފުލާފައިވާއިރު، މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށެވެ.
މޭރީ ގްރޭސް 19 އޮކްޓޯބަރު 2021 ގައި ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރި ނަމަވެސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
މީގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އަދި އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ނެގި ކަމަށް ތުހުމަތުކޮށެވެ.