Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

މާލޭގެ މޭޔަރާއި ކައުންސިލަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުގެ މޭޔަރާއި އެ ކައުންސިލަށް ތިން މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

މި ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހުއެވެ.

އިންތިޚާބު ކުރަންޖެހޭ މަގާމުތައް:

މާލެ ސިޓީ ކައުންސިލްގެ މޭޔަރު

މާލެ ސިޓީ ކައުންސިލްގެ މެންބަރު (މާފަންނު ދެކުރު ދާއިރާ)

މާލެ ސިޓީ ކައުންސިލްގެ މެންބަރު (މެދުހެންވޭރު ދާއިރާ)

މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ދެކުނު ދާއިރާ/ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި)

މީގެއިތުރުން ވ.ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ވެސް ޖެނުއަރީ 13 ގައި ބާއްވަން ވަނީ ނިންމައިފައެވެ.

އީސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ, މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މާދަމާ ހެނދުނު 09:00 އިން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހުގެ 08:00 އިން 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 15 ވާ ހޯމަ ދުވަހުގައެވެ.

މާލޭގެ މޭޔަރު ކަމުގައި އެންމެ ފަހުން ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެ މަގާމު ހުސްވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

މީގެއިތުރުން މާލެ ސިޓީ ކައުންސިލުގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށްޓަކައި މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރަކަށް ކުރިން ހުންނެވީ އާދަމް ރަމީޒެވެ. މާފަންނު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވީ ޢަބްދުﷲ ނަޞީރު (ހެރިންސް އައްޅޯ) އެވެ. އަދި ހެންވޭރު ދެކުނު ދާއިރާ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި ތަމްސީލު ކުރެއްވީ އަލްއުސްތާޒާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ހަތަރު ބޭފުޅުންނެވެ.

އެ ބޭފުޅުންނަކީ:

ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝުކޫރު.

ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު.

ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް.

މާލެ ސިޓީގެ މެންބަރުކަމުގައި ހުންނެވި ސައިފް ފާޠިޙް (އައިކޮ).

މީގެތެރެއިން އާޒިމާއާއި ހުސެން ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައެވެ. އެހެންކަމުން އެ ކޯލިޝަނުން ކުރިމަތިލައްވާނެ ބޭފުޅަކު ކަނޑައެޅިގެންދާނީ ޕްރައިމަރީ ނިމުމުންނެވެ.

މަހްލޫފް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. ސައިފް ވާދަކުރައްވަނީ އެމްޑީޕީ ދެބައިވެ އުފެދުނު ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ.

ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ހާމަކުރެއްވި ގޮތުގައި
18 ރަށެއްގެ ޑަބްލިޔުޑީސީގެ މެންބަރުން އިންތިޚާބުކުރުން ވެސް އޮންނާނީ ހަމަ ޖެނުއަރީ 13 ގައެވެ. ނަމަވެސް އެ މަގާމުތަކަށް ކުރިމަތިލުމަށް އަދި ހުޅުވައިލާފައެއް ނުވެއެވެ.

އީސީއިން ވަނީ އަންނަ ޑިސެމްބަރުގައި ވެސް ބައެއް ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަން ނިންމައިފައެވެ. އެގޮތުން ޑިސެމްބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ, ނ.މާފަރު, އދ.ހަންޏާމީދޫ ކައުންސިލް މެންބަރު އަދި ނ.މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

1.ކެލާ ކައުންސިލްގެ އަންހެން މެންބަރު ހޮވުން:

ކެންޑިޑޭޓް ނަންބަރު 01: ހެޕީ, ހއ. ކެލާ, ޚަދީޖާ މައުރިފާ. (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 02: އަރާއިރު,ހއ.ކެލާ, ހައްވާ ސުދާ (އެމްޑީޕީ)

2.ހަންޏާމީދޫ ކައުންސިލް މެންބަރު ހޮވުން:

ކެންޑިޑޭޓް ނަންބަރު 01: ފިނިހިޔާ, އދ. ހަންޏާމީދޫ, މުޙައްމަދު ވަޙީދު. (ޕީޕީއެމް)


ކެންޑިޑޭޓް ނަންބަރު 02: ބުލޫސްޓަރ, އދ. ހަންޏާމީދޫ
މުޙައްމަދު ޔާސިރު. (އަމިއްލަގޮތުން)

3.މާފަރު ކައުންސިލް މެންބަރު ހޮވުން:

ކެންޑިޑޭޓް ނަންބަރު 01: ފަޅޯމާގެ,ނ. މާފަރު, މުޙައްމަދު އަބޫބަކުރު (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 02: ދޮންކެ,ނ. މާފަރު, މުސްލިމް މުޙައްމަދު. (އެމްޑީއޭ)

4.މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ:

ކެންޑިޑޭޓް ނަންބަރު 01: އައްސޭރި,ނ.މާފަރު. މަރިޔަމް ޝާޠިރާ. (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 02: އިރުޝާދުވިލާ, ނ.މާފަރު, އަސްރާރު ޙަސަން. (އެމްޑީޕީ)
މި ލިއުމާއި ގުޅޭ