Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް އާޒިމް

އާޒިމް ފަހުކަމަކަށް ވެސް ބޮޑު ވައްކަމެއް، ބޮޑު ހިލަ ޓަނަކުން 11 ޑޮލަރު އަމިއްލަ ޖީބަށް!

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އޭނާ އާއި އެކު ކޮރަޕްޝަން ހިންގުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު ގުޅިގެން, މާކެޓް ރޭޓަށް ވުރެ ޓަނަކުން 11 ޑޮލަރު ބޮޑުކޮށް އެ ކުންފުންޏަށް ބޮޑުހިލަ ޝިޕްމަންޓެއް ގަންނަން އުޅޭކަން ފަޅާއަރައިފި އެވެ.
މިކަން ފަޅާއެރި އިރު އާ ސަރުކާރާއި އެކު އާޒިމް އެމްޓީސީސީން ވަކިކޮށް އާ ސީއީއޯ އަކަށް ޒިޔާދު ލަތީފް އައްޔަން ކުރަން މިއަދު ވަނީ ޕީސީބީ އަށް ފޮނުވައިފަ އެވެ. އާޒިމް ވަކިވި ނަމަވެސް އާޒިމްގެ ކޮރަޕްޓް ޑީލްތަކުގައި އެންމެ ބޮޑަށް ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ރަމްޒީ އަދިވެސް ހުރީ އެމްޓީސީސީގެ ވަޒީފާގަ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެ ކުންފުނީގެ އިސް ވެރިޔަކު ވިދާޅުވީ, އާޒިމް ވަކިވުމުގެ ކުރިން އޯޑަރު ކުރަން އުޅޭ ބޮޑުހިލަ ޝިޕްމަންޓް ގެންނަނީ އެ މީހުންނާއި ގުޅިފައިވާ ދުބާއީ ކުންފުންޏެއް މެދުވެރިވެގެން ކަމަށެވެ. އާޒިމް އެމްޓީސީސީ އާ ހަވާލުވީ ފަހުން އެ ކުންފުނި މެދުވެރިކޮށް އެތައް މިލިޔަން ޑޮލަރެއްގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް, މާކެޓުގެ އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ބޮޑުހިލަ ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ޓަނަކުން 11 ޑޮލަރު ބޮޑުކޮށް އޯޑަރު ކުރީމާ އެއީ އެ އާޒިމް އާއި ރަމްޒީ އަދި އެ މީހުންގެ ގުރޫޕްގެ މެދުގައި ބައި އެޅޭ ގޮތަށް އެ މީހުންނަށް ދުބާއީ ކުންފުނިން ދޭ ކަޓު. ފާއިތުވި އަހަރުތަކުގައި މިގޮތަށް ވެސް ވަނީ އެތައް މިލިޔަން ޑޮލަރެއް ކުންފުންޏަށް ގެއްލި, އެ މީހުންގެ އަމިއްލަ ޖީބަށް ގޮސްފައި," އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާޒިމް ސީއީއޯގެ މަގާމުގައި ހުރެ އެންމެ ފަހު ކަމެއްގެ ގޮތުން ވެސް ވައްކަމަށް ތުހުމަތު ކުރެވޭ މި ޑީލް އެޕްރޫވް ކުރަން މަސައްކަތް ކުރާއިރު, މިހާރު ރާވާފައިވާ ގޮތުން އޭނާ މަގާމުން ވަކިވި ނަމަވެސް ރަމްޒީ މެދުވެރިވެގެން އެ ޑީލް ކުރިއަށް ގެންދެވޭ ވަރަށް ކަންކަން ހަމަޖައްސަމުން އަންނަ ކަމަށެވެ. އެހެންކަމުން ދެން އަންނަ ސީއީއޯ މިކަން ބަލައި ވަގުތުން ކޮރަޕްޝަން ތުހުމަތު ކުރެވޭ އެންމެން މައްސޫލިއްޔަތުން އެއްފަރާތް ކުރަން ޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭގެ އިތުރުން އާޒިމް އެމްޓީސީސީގެ ހިންގުމާ ހަވާލުވެ, ކޮރަޕްޝަން ހިންގުމަށް އެތައް ކަމެއް ކުރި އިރު, ބޮޑު ހިލަ އުފުލަން ގެންގުޅުނު ތިން ބާޖެއް ފައްތާލި ކަމަށް ވެސް އޮފިޝަލް ތުހުމަތު ކުރެ އެވެ.

"ބާޖުތައް ފައްތާލާފައި, ހަލާކު ކޮށްލީ. ދެން މި ހަދާގޮތަކީ ބޭރު ކުންފުނިތަކަށް ބޮޑު އަގުގައި އޯޑަރު ކޮށްގެން ހިލަ ގެންނަނީ. ބުނެވޭނެތާ އެމްޓީސީސީގެ ބާޖުތައް ހަލާކުވެގެން އެކަން އެގޮތަށް ކުރީ ކަމަށް. މިއީ ވަރަށް ރޭވިގެން ކޮށްފައިވާ ކަންކަން," އޮފިޝަލް ވިދާޅުވި އެވެ.

މަހާޖައްރާރު ހަލާކު ކޮށްލައި, އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުމެއް ދިނުން!

އާޒިމް އެމްޓީސީސީގެ ހިންގުމާއި ހަވާލުވެ އެންމެ ކާމިޔާބު ކަމާއި އެކު ކުރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރަނީ މަހާޖައްރާފަށް ދިވެހިން ލުމެވެ. އެކަމަކު އެސްޕާޓުން ރެކޮމަންޓް ކުރި ގޮތާ ހިލާފަށް, ތަޖުރިބާ ނުލިބި ކުއްލިއަކަށް ހުސް ދިވެހިން މަހާޖައްރާފަށް ލުމުގެ ނަތީޖާ އަކަށްވީ, ކޮންނަބޯޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމެވެ.

އެގޮތުން މަހާޖައްރާފް މަރާމާތަށް ގްރައުންޑް ކޮށްފައިވާތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިއީ ކުންފުނީގެ އަގުބޮޑެތި އެސެޓްތައް ގަސްތުގައި ހަލާކުކޮށް, ބޭރުގެ ކުންފުނިތަކަށް ބޮޑު އަގުގައި ޕްރޮޖެކްޓް ދީގެން ކަޓު ނެގުމަށް އާޒިމް ހިންގި ޖަރީމާތައް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު ވެސް ބޭރުގެ ޑްރެޖަރުތައް އެ ގެންގުޅެނީ ދުވާލަކަށް 70,000 ޑޮލަރަށް ޗާޓަރު ކޮށްގެން. މިއީ ސީދާ އާޒިމް އަށް ބައި އެޅޭ ގޮތަށް ހަދާފައިވާ ބޮޑެތި ކޮރަޕްޓް ޑީލްތައް. މި ކަންކަން މި ސަރުކާރުން ބަލައި, ފިޔަވަޅު އަޅަން ޖެހޭ," އޮފިޝަލް ވިދާޅުވި އެވެ.
އެމްޓީސީސީން އާޒިމް ވަކިކުރާއިރު, އެ ކުންފުނީގައި ފައިސާ ނެތްކަން އޮފިޝަލް ފާހަގަ ކުރި އެވެ. އެގޮތުން ސަރުކާރު ބަދަލުވުމުގެ މަރުހަލާ ތެރެއިން އަވަސް އަރުވާލައިގެން 300 މިލިޔަންގެ ބޮންޑެއް ވިއްކަން އުޅުނުކަން ފަޅާއަރާފައި ވެއެވެ.
"ހަގީގަތުގައި ކުންފުނީގައި ފައިސާއެއް ނެތް. ސަޕްލަޔަރުންނަށް ދައްކާނެ ފައިސާއެއް ނެތް. ހުރިހާ ހާޑުވެއަރތަކަށް ދަރާފައި އޮތުމުގެ ސަބަބުން މިހާރު ކުރެޑިޓެއް ނުލިބެ. ޕްރޮޖެކްޓްތަށް ހުރީ ހުއްޓިފައި. ކުންފުނި އޮތީ ބަނގުރޫޓު ވެފައި. ބޮޑެތި އެސެޓްތައް ހުރީ މަރާމާތު ނުކޮށް ހަލާކުވެފައި," އޮފިޝަލް ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް އާޒިމްގެ އެތައް ސަތޭކަ މިލިޔަން ރުފިޔާ ހިމެނޭ ކޮރަޕްޝަންގެ ބޮޑެތި ޑީލްތަކުގެ ވާހަކަފެންމަތިވެފައިވާއިރު، ޒީރޯ ޓޮލަރެންސް އޭ ކިޔާފައި އައި އެމްޑީޕީ ސަރުކާރުން ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސް މުޢިއްޒު ސަރުކާރުގައި މިފަދަ ކަންކަން ހުއްޓުވާނެ ކަމަށް އުންމީދު ކުރަން," އޮފިޝަލް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ