މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާ ކަމަށާއި އެތަކެތި ނައްތާލުމުގެ ކެޕޭސިޓީ ތިލަފުށި މެޝިނަރީތަކުގައި ނެތްކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަޖީ، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
"ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" ގެ ނަމުގައި ނިމިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ނައްތާލައި އެއިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއެއް ތިލަފުށީގައި ފަށާފަ އެވެ. 2021 ވަނަ އަހަރު ފެށި އެ މަޝްރޫއު އެއްކޮށް ނިމުމުން ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސް ކުރެވޭނެ ކަމަށް ކުރީ ސަރުކާރުން ބުންޏެވެ.
އެ މަޝްރޫއު ފެށިއިރު ކުރީ ސަރުކާރުން ނޫސްވެރިންނަށް މައުލޫމާތު ދީފައިވާ ގޮތުގައި މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް ތިލަފުއްޓަށް ޖަމާކުރަނީ 500 ޓަނާއި 700 ޓަނާ ދެމެދުގެ ކުންޏެވެ. އެހެންވެ، ތިލަފުށި ޕްރޮޖެކްޓު ފަރުމާކޮށްފައިވަނީ އެ ކުނި ނައްތާލެވޭ ގޮތަށެވެ.
"ދިޔަރެސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މި މަހު ވެރިކަމާ ހަވާލުވި އާ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި "ވޭސްޓް ޓު އެނަޖީ" ޕްރިޖެކްޓުގެ އެއް އިޝޫއަކީ ދުވާލަކު 500 ޓަނުގެ ކުނި އެންދޭ ގޮތަށް ޕްރޮޖެކްޓު ރާވާފައި އޮތް އިރު، މާލޭ ސަރަހައްދުން ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާތީ އެވެ.
އެކަމަކު މިހާރުގެ ޑިޒައިންގެ ތެރެއިން އިތުރު 250 ޓަނުގެ ކުނި އެންދޭ ވަރުގެ ޕްލާންޓެއް ބޭންދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ތިލަފުއްޓަށް ވަންނަ ހުރިހާ ކުންޏެއްގެ ބަރުދަން ބެލި އިރު، ދުވާލެއްގެ މައްޗަށް 1،000 އަށްވުރެ ގިނަ ޓަނުގެ ކުނި ތިލަފުއްޓަށް ވަދޭ. އެހެންވީމަ އޭގެ މާނައަކީ ތިލަފުށީގައި މިހާރު މިހިރަ ވޭސްޓް އިންސިނެރޭޝަން މެޝިންތައް ފައްޓާއިރު ވެސް ގެންނަ ކުނި މާ ގިނައޭ. އެހެންވީމަ އެބަޖެހޭ އިތުރަށް އިންސިނެރޭޝަން ޕްލާންޓުތަކެއް ބަހައްޓަން،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ތިލަފުއްޓަށް ގެންދާ ހުރިހާ ކުންޏެއް އެންދޭނެ ޕްލާންޓު ބަހައްޓާނެ ޖާގައެއް ވެސް މިހާރަކު ތިލަފުށީގައި ނެތެވެ.
"އެ ޕްލާންޓުތައް ބަހައްޓާކަން މިވަގުތަކު ތިލަފުށީގައި ބިމެއް ނެތް. އިތުރަށް ބިން ބޭނުންވޭ ގާތްގަނޑަކަށް 20 ހެކްޓަރު. އެ ކްރިއޭޓް ކުރުމުގެ ކަންކަން ވެސް ކުރަން އެބަޖޭހެ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހުންނަނީ ޗެލެންޖެސް އެހެންވީމަ، އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި މި ޗެލެންޖެސް ތަކަށް އަޅުގަނޑުމެން ސޮލުއުޝަންސް ތަކެއް ހޯދާނަން."
އެ ޗެލެންޖުތައް ހުރި ނަމަވެސް ތިލަފުށި ވޭސްޓް ޓު އެނަޖީ ޕްރޮޖެކްޓު ނިމުމުން ވަރަށް ބޮޑެތި ފައިދާތައް ވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން އެ މަޝްރޫއު ނިމުމުން، ތިލަފުއްޓަށް ގެންދާ ކުނި އަންދައިގެން 10 މެގަވޮޓްގެ ކަރަންޓު ޖެނެރޭޓް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.