ކަރަންޓު ހަރަދު ކުޑަކުރުމަށް، ސަރުކާރުން ސޯލާ ޕެނަލް ފޯރުކޮށްދީގެން އެތަކެތި އާންމު ފަރުދުންގެ ގެތަކުގައި ހަރުކުރުމުގެ ޕްރޮޖެކްޓެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަޖީ، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
"ދިޔަރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ހަކަތައާއި ތިމާވެށީގެ ދާއިރާއަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަރަށް ބައިވަރު ވައުދުތައް ހިމަނާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ ތަންފީޒުކުރާ ކަންތައްތަކުގެ ތެރޭގައި އާންމު ފަރުދުންގެ ގެތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއު ހިމެނެ އެވެ.
"ފުރަތަމަ ތަންފީޒުކުރަން ރާވާފައި ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އަމިއްލަ ފަރުދުންގެ ގޭގޭގައި ސޯލާ ޕެނަލް ހަރުކުރެވޭނެ ގޮތް އަދި އޭގެން ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް އަގުހެޔޮ ކުރެވޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގުރާމުގެ ދަށުން މިނިސްޓްރީން އަމިއްލަ ފަރުދުންނަށް ސޯލާ ޕެނަލް ދޫކުރާނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގުރާމު ވަރަށް އަވަހަށް ލޯންޗުކުރެވިގެންދާނެ އެވެ. އެކަމަކު ސީދާ ތާރީހެއް ވިދާޅެއްނުވެ އެވެ.
"ގަވާއިދުތަކާ އެއްޗިހި އެ މަޝްރޫއު ލޯންޗުކުރާ ދުވަހު ކިޔައިދޭނަން ދެން ކިހިނެއްތޯ އަމަލުކުރާނީ، ކޮން ބައެއްތޯ [ސޯލާ ޕެނަލް] އިންސްޓޯލް ކުރާނީ، ކިހިނެއްތޯ މަސައްކަތްތައް ހިމެނިފައި އޮތީ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓާއެކު އާންމު ފަރުދުންގެ ގޭބީސީތަކުން ކަރަންޓަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ދަށްވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވެސް ކުޑަކުރެވޭނެކަން ފާހަގަކުރެއްވި އެވެ.