Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

މަގާމުތަކަށް އައްޔަންކުރަން ރައީސް އިބޫ މަޖިލީހަށް ފޮނުއްވި ނަންތައް އަނބުރާ ގެންގޮސްފި

ބައެއް މިނިވަން މުއައްސަސާތަކާއި ދިވެހި ސަރުކާރުން ބައެއް ގައުމުތަކަށް ކަނޑައަޅާ ސަފީރުން ހަމަޖެއްސުމަށް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ނަންތައް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ގެންދަވައިފި އެވެ.
ވެރިކަމުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަދި އިންތިގާލީ މަރުހަލާގެ ތެރެއިން ވެސް ރައީސް އިބޫ ވަނީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވާފަ އެވެ. އެގޮތުން އެކި ގައުމުތަކަށް ސަފީރުން އައްޔަންކުރަން އިންތިގާލީ މަރުހަލާގެ ތެރޭގައި މަޖިލީހަށް ފޮނުވުމުން އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
ރައީސް މުއިއްޒު މިއަދު އަނބުރާ ގެންދެވީ ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންތަކާއި، ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންތައް އަދި ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންތަކެވެ.
ބްރޯޑްކޮމް އަށް އައްޔަންކުރަން ރައީސް އިބޫ ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ އައިމިނަތު ނުޒުހާ، ހުސެއިން އަމްރު، ޝާން ސޯލިހު މުހައްމަދު، މަރިޔަން ނާރީމާން ޝަރީފް، އަދި މަރިޔަމް މުނާ އެވެ.
އޭގެ އިތުރުން ޗައިނާ، ޔޫއޭއީ، ބަންގްލަދޭޝް އަދި ޕާކިސްތާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރުމަށް ރައީސް އިބޫ ފޮނުއްވާފައިވާ ނަންތައް ވެސް އަނބުރާ ގެެންދިއުމަށް ވަނީ އެދިފަ އެވެ.
މިހާރު ބްރޯޑްކޮމް ކޮމިޝަން އެކުލެވިގެންވާ 6 ބޭފުޅުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، އައިމިނަތު އަމީނާއާއި، އަލީ ޔޫސުފާއި، މުހައްމަދު ފަޒީނާއާއި، ޝިފްލާ އިބްރާހިމާއި، އަދި އަމްޖަދު ވަހީދެވެ. ބްރޯޑްކޮމްއަކީ މިނިވަން މުއައްސަސާއެއްކަމަށް ވިޔަސް އެ ކޮމިޝަނުގެ މަގާމުތަކަށް އައްޔަން ކުރަނީ ސިޔާސީ މީހުންކަން ފާހަގަކޮށްލެވެ އެވެ.
އެޗްއާރްސީއެމްގައި މިވަގުތު ތިއްބެވީ ރައީސް މަރިޔަމް މުނާ، މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް އަދި އަލްއުސްތާޒާ ސަމާއު އަހުމަދު ނަޖީބެވެ.
މި ލިއުމާއި ގުޅޭ