2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް މިއަދު ނިންމާލައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. އޭގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ބަޖެޓް ބަހުސްގައި ވާހަކަދެއްކުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދޭން ފާސްކޮށްފައެވެ. އަދި މެންބަރުން ދައްކާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ޖުމުލަ 45 މިނެޓުގެ ވަގުތެއް ދޭން އޮތީ ނިންމައިފައެވެ. އެއީ ބަޖެޓް ބަހުސް ފަށާއިރު 15 މިނެޓު ބަހުސްގެ މެދުތެރެއިން 15 މިނެޓު އަދި ބަޖެޓް ބަހުސް ނިމުމުން 15 މިނެޓެވެ.
ބަޖެޓް ބަހުސް ނިމިފައިވާ އިރު، މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރަމުންދާއިރު، އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަހުސްގެ މަރުހަލާގައި މަޖިލިސް ތަޅުމުގައި މެންބަރުން ދެއްކެވި ވާހަކަތަކާއި ފާހަގަކުރެއްވި ޕޮއިންޓުތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ ހިޔާލުތަކަށް ބަޖެޓު ކޮމިޓީން ރިއާޔަތްކުރުން ހިމެނޭ ކަމަށް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ.
މަޖިލިސް ތަޅުމުގައި ބަޖެޓް ބަހުސް ކުރިއަށް ދިޔަ އިރު، ބަޖެޓް ކޮމިޓީގައި ކުރިއަށްދިޔަ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ވަނީ މިވަގުތަށް ހުއްޓާލައިފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އާ މިނިސްޓްރީތައް ހިމެނޭ ގޮތުން ސަރުކާރަށް އިތުރުވާ ވުޒާރާތަކަށް ބަޖެޓް އެޖެސްޓްކޮށް، މާދަމާ އެކަމާބެހޭ ހުށަހެޅުންތައް ބަޖެޓް ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވެއެވެ.
މަޖިލިސް ތަޅުމުގައި މެންބަރުން ކުރެއްވި ބަހުސްތަކަށް ރިއާޔަތްކޮށް ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމައި، ކޮމިޓީން ދެން މަޖިލީހަށް ހުށަހަޅާނީ ބަޖެޓް ދިރާސާކުރި ރިޕޯޓެވެ. މަޖިލީހުން ބަޖެޓް ފާސްކުރާނީ އެ ރިޕޯޓަށް ބަހުސް ކުރުމަށް މެންބަރުންނަށް ފުރުސަތު ދެއްވުމަށްފަހުގައެވެ.