Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އާ ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ދޭންޖޭހެ 200 މިލިއަން ނުދައްކާ އެބަ އޮތް

އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ވެސް މަސްވެރިންނަންނަށް ދޭންޖެހޭ 200 މިލިއަން ރުފިޔާ ކުރީ ސަރުކާރުން ނުދީ އެބަ އޮތް ކަމަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތަށް މިދިޔަ ދުވަސްތަކުގައާއި މިހާރު ވެސް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސް ކިރުމުގައި ލަސްވުމާއި، އެ ކިރުމަށްފަހު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމެވެ.
އޭގެ ސަބަބުން އެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އެއް ސަބަބަކީ އެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި އެމީހުން ކުރާ މަސައްކަތާ އަޅައި ބަލައި ލިބޭ އުޖޫރަ ލިބުމުގައި އުނދަގޫތަކެއް ހުރުމާއި، އެ އުޖޫރައަކީ ދިރިއުޅުމުގެ ހަރަދާ އަޅައި ބަލާއިރު އެކަށޭނެ އުޖޫރައެއް ކަމަށް ނުފެނުން،" މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިން ބާނާ މަސް ކިރުމަށްފަހު އެއަށް ފައިސާ ލިބެން މިހާރު ދެ މަހެއްހާ ދުވަސް ނަގާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މަސް ކިރުމުގައި ދިމާވާ ދަތިކަމަކީ ސްޓޯރޭޖްގެ ދަތިކަން ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"އޭގަ ހަމަ ކޭޝްފްލޯ ދައްކޮން މި ދިޔައީ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި ވެސް ހުރި 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކަން،" ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން ނުދައްކާ އޮތް 200 މިލިއަން ރުފިޔާގެ ތެރެއިން، 30 މިލިއަން ރުފިޔާ މިދިޔަ ހަފްތާގެ ތެރޭގައި މިފްކޯގެ ސަޕްލަޔަރުންނާއި ސަރުކާރު އެކުގައި މަސައްކަތް ކޮށް މަސްވެރިންނަށް ދައްކާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިހާރު އޮތް ބެކްލޮގަށް ހަމަ ވަރަށް ބޮޑު ލުޔެއް އެ ދެވެނީ. އަޅުގަނޑުމެން މި އަންނަނީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާކޮޅު ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާއި އެހެން މިނިސްޓްރީތަކާ ގުޅިގެން އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މި ފައިސާ ދައްކާ ހަލާސްކުރުމަށް،" އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަކީ ހަފްތާއެއްގެ ތެރޭގައި އެމީހުން ބާނާ މަހަށް ފައިސާ ލިބެމުން އައި ސަގާފަތެއްގައި ތިބި ބައެއް ކަމުން އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް ވެސް އެގޮތަށް ބިނާވެފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ މަސްވެރިންނަށް ނުލިބިވާ ފައިސާ ވީހާވެސް އަވަހަށް ދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އެހެންވީމަ އެެއް މަސް، ދެމަސް، މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިދާ ކަމަށް ވަންޏާ އެއީ ވަރަށް ގިނަ އާއިލާތަކަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ނުލިބިގެންނާއި މަސް ނުކިރިގެން އެތައް ފަހަރެއްގެ މަތިން އެމީހުން މުޒާހަރާތައް ކޮށްފައިވެ އެވެ. އެހެންވެ، މަސްވެރިންގެ ހައްގުގައި ވަަރަށް ބޮޑަށް ވާކާލާތުކޮށްގެން ވެރިކަމަށް އައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރިންގެ ހާއްސަ ދަފްތަރެއް އުފައްދަން ނިންމާފަ އެވެ.
މި ލިއުމާއި ގުޅޭ