ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މައާފު ދެއްވައި މިނިވަން ކުރެއްވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އުމްރާއެއް ކުރެއްވުމަށްފަހު ދިރިއުޅުން ސިންގަޕޫރަށް ބަދަލު ކުރައްވައިފިއެވެ.
ދައުރު ނިމެން ފަސް ދުވަހަށްވެފައި ވަނިކޮށް ރައީސް އިބްރާހިމް މައާފު ދެއްވައި މިނިވަން ކުރެއްވުމާއެކު އަދީބު ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
މައުލޫމާތު ލިބޭ ގޮތުން އޭނާ މިހާރު ވަނީ އުމްރާއެއް ކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގެންފައެވެ. އޭނާ ދެން ދިރިއުޅުއްވާނީ އެ ގައުމުގައި ކަމަށް ވެސް އެނގިފައިވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އަދީބުގެ މައްޗަށް 7 ދައުުވާއެއް އުފުލިއެވެ. އެ ދައުވާތައް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ފަހުން ހުކުމް ތަންފީޒު ކުރެއްވީ ގޭގައި ހުންނަވައިގެންނެވެ. އެގޮތުން ގޭގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ދުވަސްވަރު ވެސް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.
ރައީސް އިބްރާހިމް ވަނީ ޚިޔާނާތުގެ މައްސަލާގައި 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތަށް ވެސް މާފު ދެއްވައި މިނިވަންކޮށްދެއްވައިފައެވެ. ރައީސް އިބްރާހީމް ވެސް ވަނީ ދާދި ފަހުން ސިންގަޕޫރަށް ވަޑައިގެންފައި އެވެ.