އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއާއެކު ކޯލިޝަންގައި އޮތް ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަން ޕީޕީއެމްގެ ސެނެޓުން ރޭ ނިންމައިފި އެވެ.
ޕީޕީއެމް/ޕީއެންސީން ގުޅިގެން މަޖިލިސް އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރާނެކަން އެ ކޯލިޝަނުން ކުރިން ވެސް އޮތީ އިއުލާންކޮށްފަ އެވެ. އެ އިންތިހާބުގައި ދެ ޕާޓީން ގުޅިގެން ވާދަކުރަން ނިންމާފައިވާ ކަމާއި، ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން ޕީޕީއެމްގެ އޭރުގެ ސެކެޓްރީ ޖެނެރަލް ތޮލާލް ހާމަކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
އެކަމަކު އޭގެ ފަހުން ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މެންބަރުންނާ ދޭތެރޭ ހިތްހަމަނުޖެހުން އުފެދި، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހަފްތާގައި އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވި ފަހުން، ރޭ އެ ޕާޓީން ބޭއްވި ފުރަތަމަ ސެނެޓު ބައްދަލުވުމުގައި ވަނީ ޕީއެންސީއާ އެކުގައި މަޖިލިސް އިންތިހާބަށް ނުކުންނަން ފާސްކޮށްފަ އެވެ.
ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މީގެ ކުރިން ވެސް ވަނީ ރައީސް ޔާމީން ޕާޓީން ވަކިވި ނަމަވެސް، މުއިއްޒާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރައްވާފަ އެވެ.
ޕީޕީއެމްގެ ރޭގެ ސެނެޓް ބައްދަލުވުމުގައި ވަނީ މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދެންހުރި ކަންކަން ވެސް ނިންމާނީ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށް ފާސްކޮށްފަ އެވެ.
އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ރޯދަ މަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން ހާމަކޮށްފައިވާ ޕީއެންސީ/ޕީޕީއެމުން މަޖިލިސް އިންތިހާބަށް ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހު އެވެ.