Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އެކްޓިންގް ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމަށް ފަރުހާދު ހަމަޖައްސައިފި

ކޮމިޝަނަރ އޮފް ޕޮލިސް ގެ މަގާމަށް ވަކި ފަރާތަކު ޢައްޔަންކުރައްވަންދެން ފުލުހުންގެ މުއައްސަސާގެ ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، ފަރުހާދު ފިކުރީ އެކްޓިންގް ކޮމިޝަނަރުގެ މަގާމަށް ހަމަޖައްސައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު (34/2020)ގެ 57 ވަނަ މާއްދާގެ 'ށ'ގައިވާގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމު ހުސްވާ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި، އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވަޒީރު އަލީ އިހުސާން ވިދާޅުވީ، އަވަސް ތާރީޚެއްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ފުލުހަކު ޢައްޔަންކުރައްވާނެކަމަށެވެ. އަދި މީގެ އިތުރުންވެސް، ކޮމިޝަނަރ އޮފް ޕޮލިސް ގެ މަގާމަށް ވަކި ބޭފުޅަކު ޢައްޔަން ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެގެން މަސައްކަތް ކުރަމުން ގެންދަވާނީ ފަރުހާދު ކަމަށެވެ.

އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް ގެ މަގާމަށް ފަރުހާދު ހަމަޖައްސައިފައިވަނީ ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަބްދުލްމަންނާން ޔޫސުފާއި، އަލީ ރަޝީދު އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމުންނެވެ.

ފަރުހާދަކީ، 2021 ވަނައަހަރުގެ އޯގަސްޓު 10ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ބޭފުޅެކެވެ. އެފަހަރު ފަރުހާދު ފުލުހުންގެ ޚިދުމަތުން ވަކިކުރަން ނިންމާފައިވަނީ ފަރުހާދުގެ ރޭންކުން ފަރުހާދަށް ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރިކަން ފުލުހުންގެ ތަޙުޤީޤަށް ފެނުމުންނެވެ. ނަމަވެސް ފަރުހާދު ވަކިކުރުމަށް ނިންމާފައިވާ ނިންމުމަކީ ގޯސް ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ނިންމައި، ފަރުހާދު އަނބުރާ ވަޒީފާއަށް ނެރެފައިވެއެވެ. ސިވިލް ކޯޓުގެ ނިންމުމާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ނަމަވެސް، އެކަމާއި ގުޅިގެން ހައިކޯޓުން ވަކި ހުކުމެއް އިއްވަވާފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަންކުރާ ފަރާތަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމުގައިވެގެން ނުވާނެއެވެ. އަދި، ޖިނާއީ ކުށެއް ސާބިތުވެފައި ނުވުމާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރުމަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި ތަޖުރިބާ އަދި ޞިއްޙަތު، ޕޮލިސް ބޯޑުން ކަނޑައަޅާ މިންގަނޑަށް ހުންނަ ފަރާތަކަށް ވާންވާނެއެވެ.
މި ލިއުމާއި ގުޅޭ