ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާގެ މެއިޑްގެ މައްސަލަ ކުރިއަށް އޮތް 10 ދުވަހުގެތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ކުޑަކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ސަންދީޕް ކޯރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަންދީޕް ވަނީ ކުށަށް އިއުތިރާފުވެ މާފަށް އެދިފައެވެ. ނަމަވެސް އޭނާ ގޯސްކުރީ އެ ގޭގައި އުޅޭ އަންހެން މީހާއާއި ފިރިހެން މީހާއެވެ. ލަފާކުރެވޭ ގޮތުން އެއީ އަނިޔާ ލިބުނު ކުއްޖާގެ މައިންބަފައިންނެވެ.
ކޯޓުގައި ސަންދީޕް ބުނެފައިވާ ގޮތުން އެ ގޭގައި އުޅޭ އަންހެން މީހާއާއި ފިރިހެން މީހާގެ ފަރާތުން އޭނާއަށް އަނިޔާ ލިބިފައިވެއެވެ. އަދި އޭނާގެ މުސާރަ ވެސް ނުލިބޭ ކަމަށާއި ބަލިވެ އުޅޭއިރު ގަދަކަމުން މަސައްކަތް ކުރުވާ ކަމަށާއި ކާން ވެސް ނުލިބޭ ކަމަށް ސަންދީޕް ބުނެފައިވެއެވެ.
ރަށަށް ދާން ބޭނުންވާ ކަމަށް ބުނުމުން ދުވަހަކު ވެސް ގައުމަށް ނުފޮނުވާނެ ކަމަށް ބުނެފައިވާާ ކަމަށާއި ކުއްޖާގެ ގައިގައި އަތްލައިފައިވާނެ ކަމަށް ވެސް ސަންދީޕް ބުނެފައިވެއެވެ.
ސަންދީޕްގެ މައްޗަށް ކުރަނީ ކުޑަކުއްޖަކަށް ޖިސްމާާނީ އަނިޔާ ކުރި ކަމުގެ ތުހުމަތެވެ.
''މީނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާހުށަހަޅާފައިވޭ. ހުށަހަޅާ ފަރާތުގެ ބަޔާނާއި ކުއްޖާގެ މަންމަގެ ބަޔާނާއި ފުލުހުންގެ ބަޔާން ހުށަހަޅާފައިވޭ,'' އިތުރު 15 ދުވަހަށް ސަންދީޕް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޛިހުނީ މިއަދު ނެރުއްވި ކޯޓު އަމުރުގައިވެއެވެ.
މީގެއިތުރުން ފުލުހުން ހުށަހެޅި ވީޑިއޯއިން ސަންދީޕް ކުއްޖާގެ ގައިގައި ޖަހާފައިވާކަން އެނގެއެވެ.
މީގެކުރިން ބޭއްވި ބަންދުގެ މަޖިލީހުގައި އޭނާ ވަނީ ފައިސާގެ ތަނަވަސްކަން ނެތުމުން ވަކީލަކު އައްޔަން ކުރެވެން ނެތް ކަމަށް ބުނެފައެވެ. ނަމަވެސް އައްޔަނުވެފައިވާ ވަކީލު ތަނާޒުލު ފޯމު ހުށަހަޅާފައިނުވާ ކަމަށް މިއަދު ބޭއްވި ބަންދުގެ މަޖިލީހުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި މިއަދުގެ އަޑުއެހުމަށް ވަކީލު ހާޒިރުވެފައިނުވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
''10 ދުވަހުގެ ތެރޭގައި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހެޅޭނެ ކަމަށް އައިއޯ ފާހަގަކުރި,'' ކޯޓު އަމުރުގައިވެއެވެ.
ސަންދީޕް, ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގެ މަންސަތަކުގައި ދައުރުވެފައިވެއެވެ. އޭނާއަށް ވަގަށް ކެމެރާ ބަހައްޓައިގެން ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުން ކުއްޖާ ނިންދެވުމަށް ސަންދީޕް އިންނަނީ އެނދުމަތީގައެވެ. އަދި ދެތިން ފަހަރަކު ކުއްޖާގެ މޫނުމަތީގައި އަތުން ޖަހާ މަންޒަރު ފެނެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ, އެ ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ގަސްދުގައި ހިންގުމަކީ ނުވަތަ އެފަދަ އަމަލެއް ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއްވެއްޖެނަމަ އެކަން ކުރި މީހާއެ ކުރީ ކުށެކެވެ.
ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިއެއް ނުވަތަ ކުއްޖާ ބެލުން ނުވަތަ ބެލެހެއްޓުން ހަވާލުވެފައިވާ މީހަކީ ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތަކުން މިފަދަ ކުށެއްކޮށްފިނަމަ އަދަބަކީ 3 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.