ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި އެދުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ފާސްކޮށްފިއެވެ.
އއ.އުކުޅަހުގައި ބޭއްވި މި ޖަލްސާގައި ފާސްކުރި ގަރާރުގައިވަނީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭކަމާއި, އެ މީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގައިލަން ރާވަމުންދިޔަ ކަމާއި, ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކައިލި ވާހަކައާއި ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އެދުމަށެވެ.
މީގެއިތުރުން އެ ގަރާރުގައި ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ވިލަރެސް ކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލަން ކޮމިޓީއެެއް އެކުލަވައިލުމަށާއި އަދި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮމިޓީތައް އެކުލަވައިލުމަށް ނިންމައިފައެވެ. އަދި ޑިމޮކްރެޓިކް އުސޫލުގެ ތެެރެއިން ވެރިކަމުގެ ނިޒާމު ބައްޓަންކުރުމަށް ބާރު އެޅުމަށާއި ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި އަނިޔާވެރިކަން އިއާދަވުން ހުއްޓުވަން އިގުރާރުވާ ކަމަށް ވެސް ގަރާރުގައިވެއެވެ.
މި ގަރާރު ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.