Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް ﷲ ތައުފީގު ދެއްވާނެ: ހުތުބާ

މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްﷲ ތައުފީގު ދެއްވައި، އެމީހުންގެ ދުއާ އިޖާބަކުރައްވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"އަމާނާތްތެރިކަމާ މަސްއޫލިއްޔަތު" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނި ގޮތުގައި މަސްއޫލިއްޔަތަކީ ހަމައެކަނި އަމުރުކުރުމާއި މަނާ ކުރުމެއް ނޫނެވެ. އެއީ ބޮޑެތި ޒިންމާ ތަކެކެވެ. އަދި މަސްއޫލިއްޔަތު އަދާކުރާ މީހާ ވާންވާނީ އޭނާ ހަވާލުވާ މަސައްކަތް ދަންނަ، އަމާނާތްތެރިއަކަށެވެ.
ހުތުބާގައި ބުނި ގޮތުގައި ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާ ހަވާލުވާ ބައެއް މީހުންގެ ކިބައިގައި، އެމީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނުހުންނާނެ ކަމަށް ކީރިތި ރަސޫލާ (ޞ) ހަބަރު ދެއްވާފައިވެ އެވެ.
އުންމަތުގެ ބޮޑެތި އިލްމުވެރިން ދޫކޮށް، އިލްމުވެރިކަން ކުޑަ، ތަޖުރިބާ މަދު، އަމިއްލަ ރައުޔަށް ތައައްސުބުވާ ފަރާތްތަކުގެ ކިބައިން، ތައުލީމު ހާސިލުކުރުމާއި، ދީން އުނގެނުން، ގިޔާމާތުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށްޓަކައި މަސްއޫލުވެރިއަކު ހުންނަންޖެހޭނެ އެވެ. އެހެންނަމަވެސް އެ މަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށް، ޒާތީ މަސްލަހަތު އިސްކޮށް، ނަހަމަގޮތުގައި އޭނާގެ މަގާމުގެ ބޭނުން ކޮށްފިނަމަ އެ ވެވެނީ އަމާނާތަށް ހިޔާނާތްތެރި އެވެ.
"މަސްއޫލިއްޔަތަކާ ހަވާލުވާ މީހާ އޭނާގެ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓައި، އެމީހުންގެ މުހުތާދުތައް ފުއްދައިދޭންވާނެ އެވެ. މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްﷲ ތައުފީގު ދެއްވާނެތެވެ. އެމީހުނގެ ދުއާ އިޖާބަކުރައްވާނެތެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނި ގޮތުގައި މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިން ގިޔާމަތް ދުވަހުން ވާނީ މާތް ﷲ ގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގަ އެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި، ރަނގަޅު މީހުންނަކީ މި ބިންމަތީގައި މާތް ﷲ ލައްވާފައިވާ ހެކިވެރިން ކަމަށް ހުތުބާގައި ބުންޏެވެ.
"ވެރިކަމުގެ ޒިންމާ އަދާކޮށްފައިވާ ގޮތާ ބެހެގޮތުން. ﷲ އޭނާއާ ސުވާލު ކުރައްވާނެތެވެ. މަސްއޫލިއްޔަތުގެ ޒިންމާ އަދާކުރިތޯއާއި، ހައްގުތައް އަދާކުރިތޯއާއި، އަނިޔާލިބިފައިވާ މީހުންގެ ހައްގުތައް ހޯދައިދީފައިވޭތޯ ސުވާލު ކުރެވޭނެ އެވެ. އެކަމުގައި އިހުމާލުވެފައިވާ މީހާއަށް އެކަމުގެ ފާފަ ބަރުދާސްތުކުރަން ޖެހޭނެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އެހެންކަމުން، މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ނަމަ މަސްއޫލިއްޔަތާ ހަވާލުނުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
މި ލިއުމާއި ގުޅޭ